ބްރޯޑްކޮމްގެ މެމްބަރު ޒީނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ނިންމައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ޒީނާ ޒާހިރު އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ލިޔުމުން ދޭން ބޭނުންވާ މައުލޫމާތެއް ވާނަމަ އެ މައުލޫމާތެއް ހުށައެޅުމުގެ ފުރުސަތު ޒީނާއަށް ދިނުމަށާއި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށެވެ.
އުޝާމްގެ މި ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މި ހުށައެޅުން ފާސްވެގެން ދިޔައީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޒީނާގެ މައްސަލަ އަކީ ކޮމިޓީން މީގެ ކުރިން ވެސް ބަލަމުންދިޔަ މައްސަލައެކެވެ. ނަމަވެސް އޭރު ޒީނާ ބަލިވެ އިނުމުން، ޒީނާ ހާޒިރު ކުރުމަށް ނިންމުނު ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ޒީނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ 04 ޖުލައި 2019 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުވުމަށް އޭނާ އަށް އެންގި ކަމަށެވެ. އެހެންނަމަވެސް އޭރު ހުންނެވީ ވިހެއުމުގެ ޗުއްޓީގައި ކަމަށާއި ވިހެއުމުގެ ޗުއްޓީ ނިމުމުން، 15 އޯގަސްޓް 2019 ގެ ފަހުން ބައްދަލުވުން ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް 01 ޖުލައި 2019 ވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ވަކި ކުރުމުގެ މައްސަލަ ރިޔާސަތުން އިއުލާންކޮށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.
ކުރިން އެ ކޮމިޝަނާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެ މައްސަލަތައް ބަލަމުންދަނިކޮށް، ތިން މެމްބަރަކު އިސްތިއުފާ ދެއްވިއެވެ. އެއް މެމްބަރަކު ކޮމެޓީގެ ރިޕޯޓާއެކު މަޖިލީހުގައި ވޯޓު ނަގައިގެން ވަނީ ކޮށްފައެވެ. އަދި އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ސޮފްވާނާއި ކޮމިޝަންގެ މެމްބަރު ހަސަން ނަބާހު އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެ ކޮމިޝަނުގެ މެމްބަރުންގެ މައްސަލަތައް ބަލަމުން ދަނިކޮށެވެ.
ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވީ، އޭނާ އެ މަގާމުން ވަކިކުރަން ކޮމެޓީން ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިންނެވެ. މަޖިލީހުގައި ވޯޓަށް އަހައިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފާތިމަތު ޒައިނާ ވަނީ ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ