ހުއްދަ ނެތި އެއްވުންތައް ނުބޭއްވޭ ގޮތް ހެދުން ހުދުމުހުތާރު: މައުމޫން

ހުއްދަ ނެތި އެއްވުންތައް ނުބޭއްވޭ ގޮތް ހެދުމަކީ ހުދުމުހުތާރު ކަމެއް ކަމަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ގުޅިގެންނާއި މުސާރަ ނުދިނުމާ ގުޅިގެން ބިދޭސީން ވެސް އަންނަނީ މާލޭގައި އިހުތިޖާޖުތައް ކުރަމުންނެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާކަން ހަނދާންކޮށްދީފައެވެ.
މިކަމާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެފައިވާއިރު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެސީއާ ބީރަށްޓެހި، ގާނޫނުތަކާއި ހިލާފު އަދި ހުދުމުހުތާރު ކަމެއް ކަމަށެވެ.
Undemocratic. Unconstitutional. Dictatorial. https://t.co/hefX5BWdNK
— Maumoon Hameed (@maanhameed) July 14, 2020
މައުމޫންގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ މި ނިންމުމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަލީ ވަނީ އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ.
— Ali Hussain (@AleeVoice) July 14, 2020
މީގެއިތުރުން އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މި އިއުލާނަށް ފާޑު ވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫން ކަމަށާއި ޤާނޫނުއަސާސީން މުޠްލަޤަށް ދީފައިވާ ހައްޤެއް ނިގުޅައި ނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫން. ޤާނޫނުއަސާސީން މުޠްލަޤަށް ދީފައިވާ ހައްޤެއް ނިގުޅައެއް ނުގަނެވޭނެ! https://t.co/9rt4bT2YWl
— Waddey (@waddey_) July 14, 2020
ހޯމް މިނިސްޓްރީން މި އިއުލާން ނެރެފައިމިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަނީ ޕާޓީތަކާއި އެއްވުންތައް ބާއްވަމުންދާތީ ކަމަށް އެޗްޕީއޭ އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ