އަބްދުﷲ ގާޒީ ހައްޔަރު ކުރަން ދިފާއީ ބާރުގެ އެހީ ހޯދީ ގައުމީ ސަލާމަތަށް އުނިކަން ލިބުމުގެ ބިރަށް: ހޯމް މިނިސްޓަރު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން ގައުމީ ދިފާއީ ބާރަށް އެންގީ، މުޖުތަމަޢުގެ އާންމު މަސްލަހަތު ގެއްލި ޤައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު ބޮޑު ވުމުން ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެންގުމަށް ދިވެހި އަސްކަރިއްޔާ އިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ރޭ ހައްޔަރު ކުރި މައްސަލަ ހޫނުވެފައިވަނިކޮށް، ހޯމް މިނިސްޓަރު ހަސަން އަފީފު މިރޭ އެމްއެންބީސީ މެދުވެރިކޮށް ދެއްވެވި ބަޔާނުގައި ވިދާޅުވީ ޖިނާއީ އަދުލުގެ މުޅި ނިޒާމް އަބްދުﷲ ގާޒީގެ އަތް ދަށުލައްވާފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރު އަދި ވިދާޅުވީ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ނިސްބަތްކޮށް، ސާބިތު ނުހިފޭ ވާހަކަ ދެއްކެވުމުގެ ސަބަބުން އާންމު މަސްލަހަތު ގެއްލެމުންދާ މައްސަލައިގައި، ޤާނޫނުލް އުޤޫބާތުގެ 125 ވަނަ މާއްދާގައި ބުނެފައިވާ ކުށުގެ ޢަމަލު ތަހުގީގު ކުރުމަށް ފުލުހުން ކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުން ޑރ. ޖަމީލު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ސަބަބުން ޑރ. ޖަމީލު ބަންދުގައި ބަހައްޓައިގެން ފުލުހުން ހޯދަން ބޭނުންވި ހެއްކާއި ޤަރީނާތައް ހޯދޭނެ ފުރުސަތު އަބްދުﷲ ގާޒީ ހަނިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ދަތިކުރުމުގެ ގޮތުން އަބްދުﷲ ގާޒީގެ ކުރައްވާފައިވާ ކަމަށް ބުނެ 14 ކަމެއް ފާހަގަކުރައްވާފަ އެވެ.
އޭގެތެރޭގައި ކޯޓް އަމުރު ހޯދަން ހުށަހެޅުމުން އަމުރާމެދު ގޮތެއް ނިންމަން އެކަށީގެން ނުވާ ވަގުތު ނަގައި ބައެއް މައްސަލަތަކުގައި ކޯޓް އަމުރު ހޯދަން އެދުމުން އަމުރާ ޙަވާލުވުމަށްފަހު އަމުރާއިމެދު ގޮތެއް ނިންމުމަށް ހަތަރު ދުވަސް ހޭދަވުމުގެ އިތުރުން ކޯޓް އަމުރު ނެރުމުގައި އެކި ފަހަރު އެކި ގޮތަށް ޢަމަލުކުރާކަން ފާހަގަކުރެއްވެވި އެވެ.
އަދި އެކި މީހުންގެ މައްސަލަ ތަކުގައި ތަފާތު މިންގަނޑުތައް ގެންގުޅުއްވާ ގާނޫނީ ނިޒާމުގެ ބޭރުން ތަހުޤީޤު ކުރުމުގެ އަމުރުތައް ފުލުހުންނަށް އަބްދުﷲ ގާޒީ ނެރުއްވާފައިވާ ކަމަށާއި މަތީ ކޯޓުތަކުގެ ނިންމުންތަކަށް އިހުތިރާމް ނުކުރެއްވުމާއި ސިޔާސީ ބައެއް ފަރާތްތަކުގެ ނުހިންގާ ބޭއްވުމާއި އެފަދަ މައްސަލަތައް ބާއްވާ އިރު މީޑިއާ ތަކަށް އޮޅުވާލައި މީޑިއާ ނުވައްދާކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ދެން ވިދާޅުވީ އަދި ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުން ފުލުހުންނަށް ސިޓީ ފޮނުވައި އެއްވެސް އަޑު އެހުމެއްނެތި އަބްދުﷲ ގާޒީ ދޫކޮށްލައްވާ ކަމަށާއި އަދި ނުރައްކާތެރި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ޢާއިލާގެ މީހުންނާއި އަބްދުﷲ ގާޒީ ޚާއްސަ ގުޅުން ބާއްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ދޫކުރުމުގެ ސަބަބުން ދެ ވަނަ މީހަކު މަރާލުމުގެ ފުރުސަތު އަބްދުﷲ ގާޒީގެ ސަބަބުން އެމީހާއަށް ލިބޭ ކަމަށެވެ. އަދި ނިޔާ ކަނޑައެޅުމުގައި އަމިއްލަ ޒާތީ މައްސަލަތައް ފެންމަތިކޮށް އެއަށް ޖަވާބުދާރީ ކުރުވާ ނިޔާ ކަނޑައެޅުމާއި ޝަރުއީ ހަމަތަކާއި ޚިލާފަށް ކުށްވެރިންނަށް ވާގިލިބޭ ގޮތަށް އަޑުއެހުންތައް ނިމިފައި ވަނިކޮށް ވެސް އެފަރާތްތަކުން ދޮގު ހެކި އުފައްދަން ފުރުސަތުދީ މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ކުށް ސާބިތު ނުވާނޭހެން އަބުދުﷲ ގާޒީ ކަންކަން ކޮށްފައިވާ ކަމަށެވެ.
ބަލައި ފާސްކުރުމުގެ އަމުރުތައް އަބްދުﷲ ގާޒީ ނޫން އެހެން މީހަކަށް ނުދެވޭނޭހެން މުޅި ކޯޓު ހިސޯރު ކޮށްފައިވާ ކަމަށާއި ހިތު ހުރި ގޮތަކަށް ކޯޓުގެ އޮފިސަރުން ސަސްޕެންޑް ކުރާ ކަމަށާއި ސީޔާސީ ވަކި ބައެއްގެ މައްސަލަތަކުގައި ގާނޫނު ތަންފީޒް ނުކުރެވޭނޭހެން ގާނޫނު މާނަކޮށް ގަޑުބަޑު ކުރާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވިދާޅުވީ އަބްދުﷲ ގާޒީ ރިޝްވަތު ނަންގަވައި ބޮޑެތި ކުށްވެރިން ދޫކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން ގައި ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ