އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސުޢޫދީ ޢަރަބިއްޔާގެ ޙައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރީންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ޓަކައި، ވަލީ އަޙުދު އަދި ބޮޑު ވަޒީރު، މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެ ކަމަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރަށް، ދިވެހިރާއްޖޭގެ ޙައްޖުވެރީންނަށް ދިމާވާ ދަތިތައް ޙައްލުކުރެއްވުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް، ސުޢޫދީ ޢަރަބިއްޔާއާ އެކު އޮންނަ އުޚުއްވަތްތެރި ގުޅުން އިތުރަށް ވަރުގަދަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަކަމާ އެކު ދެމިއޮންނާނެކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ސުޢޫދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމަށާއި މި ދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވާން ފަށައިފައިވާކަން ފާހަގަކުރެއްވިއެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޑރ. ތައުފީޤު ރާއްޖެ ވަޑައިގެންދެއްވުމަށް ދަޢުވަތުއަރުއްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސުއޫދީ ޢަރައްބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސުޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމުރާއާ ބެހޭ ވަޒީރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކެވެ. މި ދަތުރުފުޅުގެ ތެރެއިން 1446 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސަޢުދީ ސަރުކާރާ ދެމެދު ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަބަރު: ސަރުކާރު
ވަޒީރު ސުޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ