ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނުގައި އާސަންދައިން ބުނީ މިއަދުން ފެށިގެން އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑްގެ ހޮސްޕިޓަލްތަކަށް މީހުން ފޮނުވުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، މީހުން ފޮނުވަނީ ވަކި ވަރަކަށް ކޮންމެ މަހަކު އަދަދެއް ކަނޑައަޅައިގެން ނޫން ކަމަށާއި، އެކަން ކަނޑައަޅާނީ އާސަންދައަށް ލިބޭ ރިކުއެސްޓްތަކަށް ބިނާކޮށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ވަގުތު ޔޫއޭއީ އަށް ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލި މީހުން އެކަންޏެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ، ދުރު މީހަކަށް ވެސް ކިޑްނީ ޑޯނާ ކުރުމުގެ ހުއްދަ އެ ގައުމުން ދޭތީ ކަމަށް އާސަންދައިން ބުނެއެވެ.
"ޔޫއޭއީ ނުވަތަ ތައިލޭންޑަށް ފޮނުވާއިރުވެސް އަޅުގަނޑުމެން ވަކި ސެލެކްޝަން އެއް ނަހަދަން، ވަކި މީހަކަށް ނޫން ޓާގެޓް ކުރަނީ. ރާއްޖޭގައި އެބަތިބި ފަސްޓް ޑިގްރީ ޑޯނާ ނުލިބިގެން ޓްރާންސްޕްލާންޓް ނުކުރެވި ތިބި ވަރަށް ގިނަ އަދަދެއްގެ މީހުން. ކިޑްނީއަށް ވެސް އަވަށްޓެރި ބައެއް ގައުމުތަކުގެ އުސޫލުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ނޫން ކަމަށް ވެއްޖިއްޔާ އެ މީހާއަށް އޯގަން ޓްރާންސްޕްލާންޓް ކުރަން އުނދަގޫވޭ،" އާސަންދައިން ބުންޏެވެ.
ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެ ތިބި މީހުންނަށެވެ.
ތައިލޭންޑު އަދި ދުބާއީއަށް މީހުން ފޮނުވާ މީހުން ކަނޑައަޅާނީ އެ މީހެއްގެ ބަލި ހާލަތަށް ބެލުމަށް ފަހު ޑޮކްޓަރުގެ ލަފަޔާއެކުއެވެ. މިހާރުވެސް ގައުމުތަކަށް މީހުން ފޮނުވުމުގައި އާސަންދައިން އަމަލު ކުރަނީ އެ އުސޫލުގެ ދަށުންނެވެ. އެހެންކަމުން އާސަންދަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން އެހެން ގައުމުތަކަށް މީހުން ފޮނުވާ އުސޫލުގެ ތެރެއިން އެފަދަ އެހީތެރިކަން ބޭނުންވާ މީހުން ތައިލެންޑު އަދި ދުބާއީއަށް ފޮނުވާނެއެވެ.
މި ދެޤައުމުގައި އާސަންދަ ދިނުމުގައިވެސް މިހާރުވެސް އާސަންދައިގެ އުސޫލުގެ ދަށުން ފޯރުކޮށްދޭ ބޭހުގެ ޚަރަދާއި، ޓިކެޓު އަދި ހުރުމާއި ކެއިންބުއިމުގެ ޚަރަދުތައް ލިބޭނެއެވެ.
"ކިޑްނީ ޓްރާންސްޕްލާންޓްކުރަން ބޭނުންވާ މީހާއަށް އެ ފުރުސަތު އެބަ އޮތޭ، އެކަމަށް ހުށަހެޅީމަ ޑޮކްޓަރުގެ ލަފަޔާ އެކީގަ ފޮނުވާނީ. އެމީހެއްގެ މެޑިކަލް ކޮންޑިޝަންތަކަށް ބިނާކޮށްފަ، ކޮންކަހަލަ ކޮންޑިޝަން އެއް ހުރި މީހެއްތޯ އެއީ. އެކަހަލަ ކަންކަން އަދޮ ޑޮކްޓަރު ބައްލަވާފަ އެންމެ އިސްކަން ދޭން ޖެހޭ މީހާއަކީ ކޮބައިތޯ ބަލާފަ. އެ ހުރިހާ ކަމެއް އަޅުގަނޑުމެން ނިންމާނީ ޑޮކްޓަރުންގެ ޓިމަކާ ވާހަކަ ދައްކައިގެން ޓެކްނިކަލް ލަފާ ހޯދައިގެން"، އާސަންދައިން ބުނެއެވެ.
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ މެދުވެރިކޮށް ޚިދުމަތް ދިނުމަށް ދުބާއީގެ ހޮސްޕިޓަލަކާއި ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު ސޮއި ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެއީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ، ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލްއެވެ.
އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ޚިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ