ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން، އެ ކޯޓުގައި ކަރަންޓު ނެތުމުގެ ސަބަބުން ލަސްވެއްޖެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު 3:00 އަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ކަރަންޓު ނެތުމުން ޔާމީންގެ ގާނޫނީ ވަކީލުންނާއި އޭޖީ އޮފީހުގެ ވަކީލުންވެސް ތިބީ ކޯޓު އިމާރާތުން ބޭރުގަ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، އެތަނުގައި މި ވަގުތު ކަރަންޓު ނެތުމުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޯޓު އިމާރާތުގެ ބޭރުގައި ހުންނަވައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހުންނެވި އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ މައްސަލައާ ގުޅިގެން ސަރުކާރުން ރާވައިގެން ގަސްދުގައި އެ ސަރަހައްދުން ކަރަންޓު ކަނޑާލީ ކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރަނީ މައްސަލައިގެ ބާވަތުން ލަސްކުރުމަށްޓަކައި ސަރުކާރުން ރާވައިގެން ކަރަންޓު ދުއްވާލަނީ ކަމަށް،” އަދުރޭ ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނެވެ.
ނަމަވެސް އީސީން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ނިންމީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ.
އެގޮތަށް ކަނޑައެޅީ އެ މަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާ ކަމަށް ބުނެ އެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ކޯޓުގައި ކަރަންޓު ނެތިގެން ޔާމީންގެ އަޑުއެހުން ފެށުން ލަސްވެއްޖެ، އަދުރޭ ވިދާޅުވީ މިއީ ޖަރީމާއެއް ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ