ބޮޑު "ސައިޕްރައިޒަކާ އެކު" ޕީއެންއެފުން ބޮޑު ޖަލްސާއެއް

ބޮޑު "ސަޕްރައިޒަކާ އެކު" ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ޕީއެންއެފުން "ރިސެޓް" ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގަ އެވެ. މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ޖަލްސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރާއްޖެއަށް ބޮޑު ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ޕީއެންއެފްގެ ރައީސް، ޔާމީން ގަބޫލުފުޅުކުރައްވާ ކަމަށާއި އަދި ފާއިތުވެ މާޒީގައި ހިނގާފައިވާ ވިޔާނުދާ ކަންކަމުން އަރައިގަންނަންޖެހޭ ކަމަށެވެ. އެގޮތުން މި ޖަލްސާގައި މި ކަންކަމާ ގުޅޭ ބޮޑު "ސަޕްރައިޒެއް" އޮންނާނެ ކަމަށާއި މި ޖަލްސާ ވެގެންދާނީ ސަރުކާރުގެ އިސް ބޭފުޅުން ނިދި ނުކުރައްވާނެ ވަރުގެ ޖަލްސާއަކަށް ކަމަށް މަލީހު ވިދާޅުވި އެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ރައްޔިތުންނަށް ވެސް އޮންނާނެ ކަމަށާއި އެގޮތުން ގައުމު އިސްލާހުގެ މަގާމަށް އެޅުވުމަށް ބޭނުންވާ އަތޮޅުތެރޭގެ ރައްޔިތުން ވެސް މި ޖަލްސާގައި ބައިވެރިވުމަށް މަލީހު އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ގިނަ ޕާޓީތަކެއް ހަރަކާތްތެރިވަމުންދިޔަ ނަމަވެސް ރައްޔިތުންނަށް ދިމާވާ މައްސަލަތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތުކުރަމުންދަނީ ޕީއެންއެފުން ކަމަށާއި ބުދަ ދުވަހުގެރޭ ބާއްވާ ޖަލްސާ އަކީ ސަރުކާރަށް ހަޖަމްކުރަން ދަތިވާނެ ޖަލްސާއަކަށް ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
ޕީއެންއެފުން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި "ވޭކް އަޕް" ގެ ނަމުގައި ވެސް މާލޭގައި ޖަލްސާއެއް ބާއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ