ކަރިކިޔުލަމަށް އިސްކަން ދޭ ފަދައިން ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަން ދެން: އެޑިއުކޭޝަން

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. އަޙްމަދު މިގޮތަށް ވިދާޅުވީ އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅުއްވި ކަންޓްރީ ސްޓޭޓްމަންޓްގައެވެ. މި ބަޔާނުގައި ޑރ. އަޙްމަދު ވަނީ މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ކުރެވެމުން އަންނަ މުހިންމު މަސައްކަތްތައް ހިއްސާކުރެއްވިއެވެ. އެގޮތުން, މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމާއި, ފަންނީ ކުރިއެރުމާއި، މަސައްކަތުގެ މާޙައުލުގެ ފެންވަރު ރަނގަޅުކުރުމަށް ގައުމީ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ. "ދިވެހިރާއްޖޭގައި ކަރިކިޔުލަމް ޑިވެލޮޕްމެންޓަށް އިސްކަންދޭ މިންވަރަށް, މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވެސް އިސްކަންދޭ" އަޙްމަދު ވިދާޅުވިއެވެ. މީގެ އިތުރުން ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތައް އަޙްމަދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަތީ ސާނަވީގެ ފުރުސަތުތައް އިތުރުކޮށް, ތަފާތު އުނގަންނައިދިނުމުގެ މަގުތައް ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ދަރިވަރުންނަށް އެކެޑެމިކް, ވޮކޭޝަނަލް އަދި ސްކިލް-ބޭސްޑް ދާއިރާތަކުގެ ތެރެއިން އެ ދަރިވަރަކު ހިޔާރުކުރާ ކޮންމެ ދާއިރާއަކުން ކުރިއަށްދިއުމުގެ މަގުފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަޙްމަދު ވަނީ، ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ތަރައްގީ ކޮށްފައިވާ އެޑެޕްޓިވް ލާނިންގް ވަސީލަތްތަކާއެކު އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ. އަދި ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި އަހްލާގީ މިންގަނޑުތައް ދެމެހެއްޓުމާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ އަދި ޝާމިލު ވެއްޓެއްގައި ޓެކްނޮލޮޖީގެ ފައިދާ ލިއްބައިދިނުމަށް ޔުނެސްކޯއިން މަސައްކަތް ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ކާމިޔާބުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ގޮވާލެއްވިއެވެ. ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސް ކުރިއަށް ދަނީ އުޒްބެކިސްތާނުގެ ސަމަރްކަންޑުގައެވެ. ކޮންމެ ދެ އަހަރަކުން ބާއްވާ މި ބައްދަލުވުމުގައި ޔުނެސްކޯގެ 194 މެންބަރު ގައުމުތަކުގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބައިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ