ސަރުކާރުން އަންނަ އަހަރު ރިކަރަންޓު ހަރަދު ފޫބެއްދުމަށްޓަކާ އެކަނިވެސް ފައިސާ ޗާޕުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އަންނަ އަހަރު ރިކަރަންޓު ހަރަދު ފޫބެއްދުމުގެ އިތުރުން ދެކޮޅު ޖެއްސުމަށް ފައިސާ ޗާޕުކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ މިހާރުވެސް ހަމަ ފައިސާ ޗާޕުކުރަން ޖެހޭނެއޭ. ހަމަ ފައިސާ ޗާޕުކުރަން ޖެހޭނެއޭ. ރިކަރަންޓު ހަރަދު ފޫބެއްދުމަށްޓަކާ ވެސް. އެނގޭތޯ. އެހެންވީމާ މިއަންނަ އަހަރަކީ ފައިސާ ޗާޕުކުރާނެ އަހަރެއް. ފައިސާ ޗާޕުނުކޮށެއް ހަމަ ދެކޮޅު ޖެއްސޭނެ އެއްގޮތެއް ވެސް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފައިސާ ޗާޕުކުރުމުން ޑޮލަރު ލިބުން ތާށިވެފައިވާ މި ދަނޑިވަޅުގައި ދިވެހި ރުފިޔާގެ އަގު ވެއްޓިގެންދާނެ ކަމަށާއި ޑޮލަރުގެ އަގު ތިރިވާނެ ޒަމާނެއް ވެސް ނޭގޭ ކަމަށެވެ.
އެމްއެމްއޭއިން ހެދި ގަވާއިދުގެ ސަބަބުން މާރުކޮށްލަން ޖެހޭ ފައިސާ ފިޔަވައި އެހެން ޑޮލަރެއް ރާއްޖޭގައި ނުގެންގުޅެ ހުރިހާ ޑޮލަރެއް ގެންގުޅެނީ ބޭރުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ޑޮލަރުން މިހާރު އާން ކުރާ މީހުންވެސް ޑޮލަރުގެ ސްޕެކިއުލޭޝަން މިހާ ބޮޑަށް އޮންނާތީ ހަމަ ކިރިޔާ ރާއްޖެއަށް ބޭނުންވާ ވަރަށް އެމްއެމްއޭގައި އެ ހެދި ގަވާއިދުން މާރުކޮށްލަން ޖެހޭ ފައިސާ ފިޔަވައި އެހެން ޑޮލަރު އެމީހުން ރާއްޖެއަކު ނުގެންގުޅޭ. ބޭރުގައި އެ ގެންގުޅެނީ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ޑޮލަރުގެ އަގު ދިވެހި ރުފިޔާއިން 20 އިން ފަހަނަ އަޅައި ގޮސްގެން އު އުޅެނީ. އޭތި ތިރިވާނެ ގޮތެއް މިއިން ޒަމާނަކުވެސް ހިޔާލަށް ވެސް ނުގެންނަވާ. އޭތި ދާނީ ހަމަ މައްޗަށް."
ސަރުކާރުން ފައިސާ ޗާޕުކުރަން އުޅެނީ ދައުލަތުގެ އަދި އެސްއޯއީތަކުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ވެސް ނެތިގެން ކަމަށް ޔާމީން ކުރިން ވިދާޅުވެފައިވެ އެވެ.
"އެއީކީ ނޫން މަގުސަދަކީ. އެކަމެއް ނުވެސް ކުރާނެ. މިއީ ހަމަ ދެންމެ ތި ވާހަކައިގަ ފެށްޓެވި ގޮތަށް، މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ ހަމަ އެކަމަށް، ހަމަ އެކަމަށް މިވަގުތުން މިވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ. ނަމަވެސް އެކަން ކުރަން އުޅޭ ކަމަށް ސަރުކާރުން މިހާނަށް އެއްބަސްވެފައެއް ނުވެ އެވެ.
ސަރުކާރުން އަންނަ އަހަރު ފައިސާ ޗާޕުކުރާނެ ކަމަށް ޔާމީން ވިދާޅުވެއްޖެ ސަރުކާރުން އަންނަ އަހަރު ފައިސާ ޗާޕުކުރާނެ ކަމަށް ޔާމީން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ