ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ ރާއްޖެ އާއި ޕާކިސްތާނުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞޯދިޤާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އަދި، 20 ވަނަ ރައްޔިތުންގެ މަޖިލީހާއެކު މޯލްޑިވްސް-ޕާކިސްތާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އަލުން އުފެއްދުމުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކުރާ ފަރާތްތައް ރާއްޖެއަށް ވަނުން މަނާކުރާ ޤާނޫނަށް އަލިއަޅުއްވާލެއްވި އެވެ.
މަޖިލީހުގެ އިމާރާތަކީ ރާއްޖެ-ޕާކިސްތާން ގުޅުމުގެ ރަމްޒެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ