ސިޓީ ކުރިގައި އޮންނަން އާސެނަލުން ފުރުސަތެއް ނުދިން ސިޓީ ކުރިގައި އޮންނަން އާސެނަލުން ފުރުސަތެއް ނުދިން

މެންޗެސްޓާ (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ލީގުގެ ކުރިއަށް ޖެހިލައިފައި ވަނިކޮށް އާސެނަލުން 1-0 އިން އެވަޓަންގެ މައްޗަށް ކުރިހޯދައި އަލުން އެއް ވަނަ މަގާމަަށް ޖެހިލައިފި އެވެ.
ސިޓީން ވަނީ ރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ގޯލާއި ޓިޖާނީ ރައިންޑާސްގެ ގޯލާ އެކު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. ރައިންޑާސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މި ސީޒަނުގެ ލީގުގައި މިހާތަނަށް 19 ލަނޑު ޖަހާފައިވާ ހާލަންޑް އެވެ. މި ސީޒަނުގައި، ގައުމީ ޓީމާއި ކްލަބް ލެވަލްގައި އެއްކޮށް ބަލާނަމަ، ހާލަންޑް ވަނީ 38 ގޯލު ޖަހައިފަ އެވެ.
މެޗަށް ފަހު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމުން މެޗުން މެޗަށް ހޯދަމުން އަންނަ ކުރިއެރުމާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
މި މޮޅާ އެކު، ސިޓީން ވަނީ އާސެނަލް މެޗު ފެށުމުގެ ކުރިން، ލީގުގެ އެއް ވަަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު، އާސެނަލުން ވަނީ އެވަޓަން ދަނޑުގައި މޮޅުވެ، 17 މެޗުން 39 ޕޮއިންޓާ އެކު އެއް ވަނަ އަށް ޖެހިލައިފަ އެވެ. ސިޓީ އަށް 17 މެޗުން ލިބުނީ 37 ޕޮއިންޓެވެ.
އެވަޓަން ދަނޑުގައި އާސެނަލުން މޮޅުވި ގޯލު ޖެހީ، ފުރަތަމަ ހާފުގައި ޕެނަލްޓީ އަކުން ވިކްޓަ ޔޯކެރޭޝް އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި އާސެނަލަށް ލަނޑެއް ޖަހައިދޭން ލެއަންޑްރޯ ޓްރޮސާޑް އާއި މާޓިން ޒުބިމެންޑީ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ނިކް ވޯލްޓަމާޑާގެ ދެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނަގައިފައި އޮއްވައި، ޗެލްސީން ދެ ވަނަ ހާފުގައި އަރައި، ރީސް ޖޭމްސްގެ ހިލޭ ޖެހުމާއި ޖާއޯ ޕެޑްރޯ ޖެހި އިންޑިވިޖުއަލް ގޯލުން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 16 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި ރޭ ބޯންމައުތާއި ބާންލީ 1-1 އިން އެއްވަރުވިއިރު، ސަންޑަލެންޑާއި ބްރައިޓަން ވެސް ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ބްރެންޓްފޯޑުން 2-0 އިން ވުލްވްސް ބަލިކުރިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 4-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ