ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގުން: ޒިވާރުވެސް ސަސްޕެންޑް

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ސަސްޕެންްޑް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ޒިވާރު ހިމެނެ އެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް ވަނީ މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑު ކޮށްފަައި ކަމަށެވެ. އަދި ތަހުގީގަށްށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ކޯޓުން ވަނީ ޒިވާރުގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު ހ. ނިއުހެޕިނަސް، މުއާޒު އަލީ އާއި، މެދުރީގެ، ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލް އެވެ.
ސިނގިރޭޓުތަކުގެ މައްސަލައިގައި އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ފުލުހުން ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެގޮތުން ރޭ ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެމްޕީއެލްގެ ހަ މީހަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އެ މައްސަލާގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށްށް ހާމަވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ