ލަންކާގައި ގެއްލުނު މީހުންގެ ހަށިތައް ކިސަޑުތަކުގެ ތެރެއިން ފެންނަނީ

ކޮލަންބޯ (04 ޑިސެންބަރު 2025): ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި މަރުވި މީހުންގެ އަދަދު 500އާ ގާތްކުރާއިރު ގެއްލުނު މީހުންގެ އަދަދު 350 އަށް ވުރެ މަތީގައި އުޅޭއިރު ގެއްލުނު ބައެއް މީހުންގެ ހަށިތައް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އަވަށްތަކުގައި ހެދިފައިވާ ކިސަޑުތަކުގެ ތެރެއިން ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި ފެންބޮޑުވެ, ބިންގަނޑު ކަނޑައިގެން ދިޔުމުގެ އުފެދިފައިވާ ކިސަޑުތަކުގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީގެއްގެ ހަށިތައް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ. މިއާއެކު ގެއްލިފައިވާ މީހުން އާއިލާތަކުން ވަނީ އެއާއިލާގެ ގެއްލިފައިވާ މީހުން ހޯދުމަށް ކިސަޑުތައް ކޮންނަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ކިސަޑު އެންމެ ބޮޑަށް ފޭބި އެއް ސަރަހައްދަކީ ސްރީލަންކާގެ މަވަތުރަ ސަރަޙައްދެވެ. ކިސަޑު ފޭބުމުގެ ސަބަބުން އެ ސަރަޙައްދުގެ 13 ގެއެއް ވަނީ އެއްކޮށް ހަލާކުވެފައެވެ. ފެންބޮޑުވުމުގެ މައްސަލަ ހައްލުނުވި ނަމަވެސް ބައެއް އުސް ސަރަހައްދުތަކުން މިހާރު ވަނީ ފެންގަނޑު ހިދޭން ފަށާފައެވެ. ފަރުބަދަތަކުން ކޯރުތަކަށް އެޅޭ ފެންގަނޑާ އެކު ކޯރުތައް ފުރިބަންޑުންވުމުގެ ސަބަބުން އާބަން ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. ބޮޑުވެފައިވާ ފެންގަނޑާއި ނަރުދަމާގެ ފެން ވަނީ މިކްސް ވެފައެވެ. މިއާއެކު ބަލިތައް ފެތުރުމުގެ ބިރުވަނީ ބޮޑުވެފައެވެ. ސްރީލަންކާގައި ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުން ލެޕްޓޮސްޕައިރޯސިސް ބަލީގެ ބެކްޓީރިޔާ ވަނީ ފެނިފައެވެ. މިއީ މިދާފަދަ ޖަނަވާރުތަކަށް ބަލިޖައްސާ ބެކްޓީރިޔާއެކެވެ. މި ބެކްޓީރިޔާ އިންސާނުންނަށް ހަމަލާދެއެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީލަންކާގައި 1.1 މިލިޔަން މީހުން ހާލުގައި ޖެހިފައިވާއިރު މާއްދީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ މިންވަރު ހަތް ބިލިޔަން ޑޮލަރަށްވުރެ މަތިވާނެކަމަށް އެ ގައުމުގެ ސަރުކާރުންވަނީ އަންދާޒާކޮށްފައެވެ. ތޫފާންގެ ސަބަބުން ގެދޮރު އެއްކޮށް ހަލާކުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗެވެ. މީގެ އިތުރުން، އެތައް ހާސް ގެއަކަށް ވަނީ ކިސަޑާއި ޗަކަ ވަދެފައެވެ. އަނެއްބައި ގެތައް ވަނީ ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ދިރިނޫޅެވޭ ވަރުވެފައެވެ. ސްރީލަންކާ ސަރުކާރުންވަނީ ގެދޮރު ސާފުކުރުމަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން 25،000 ރުޕީސް، ގެތަކުގެ މަރާމާތަށް އަވަސް އެހީގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10،000 ރުޕީސް އަދި ހަލާކުވި ކޮންމެ ގޭބިސީއެއް އަލުން ބިނާކުރުމަށް 2.5 މިލިއަން ރުޕީސް ދޭނެކަން ހާމަކޮށްފައެވެ. މި ކާރިސާއިން ލިބުނު އާދަޔާ ޚިލާފު ގެއްލުންތަކާ ގުޅިގެން ސްރީލަންކާ ސަރުކާރު މިހާރު ގެންދަނީ އުސްތަންތަނުން ކިސަޑު ފައިބާގޮތަށް ހުންނަ ތިރި ކުދި އަވަށްތަކުގެ މީހުން އެއަށްވުރެ ރައްކާތެރި ތަންތަނުގައި އަލުން ވަޒަންވެރި ކުރުވާމެދު ވިސްނަމުން ކަމަށް ވެސް އެ ގައުމުގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ