ސަލްމާންގެ ބައްޕަ ސަލީމް މަހެއްހާ ދުވަސްފަހުން ހޮސްޕިޓަލުން ދޫކޮށްލައިފި

ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު އެކްޓަރުންގެތެރޭ ހިމެނޭ ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން މަހެއްހާ ދުވަސްވަންދެން ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދިނުމަށްފަހު ގެއަށް ދޫކޮށްލައިފިއެވެ. އުމުރުން 90 އަހަރުގެ, ކުރީގެ ސްކްރީން ލިޔުންތެރިޔާ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ސަލީމް ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭން ފެށީ ސިކުނޑީގައި ލޭގަނޑުވުމުގެ ސަބަބުން ކުރިމަތިވި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޓީއައި ނޫހުގައި ބުނެފައިވާ ގޮތުން ސަލީމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ފިލްމުތައް ކަމަށްވާ "ދީވާރު"، "ޑޮން" އަދި "ޝޯލޭ"އަށް ސްކްރީންޕްލޭ ތައްޔާރުކޮށްދިން ކުޅަދާނަ ލިޔުންތެރިޔާ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދޭން ފެށުމާ ގުޅިގެން އާއިލާގެ ހުރިހާ މެމްބަރުންގެ ވެސް އެންމެ ބޮޑު އިސްކަމެއްދީފައި ވަނީ ބައްޕައާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށެވެ. ހަމައެއާއެކު ސަލީމްގެ ހުރިހާ ކުދިންގެ ވެސް ހާއްސަ ސަމާލުކަމެއް ވަނީ ބައްޕަގެ ސިއްހީކަންކަން ވަރަށް ގާތުން ބެލުމަށް ދީފައެވެ. ސަލީމް ޚާން ދޮށީ ދަރިފުޅު ސަލްމާން ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ ސަލީމްގެ ސިއްހީ ހާލަތާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އޭނާގެ އާއިލާއަށް ހެޔޮ ދުއާގެ މެސެޖުތައް ރައްދުކުރިއިރު ސަލީމްގެ ގާތް ފިލްމީ އެކުވެރިންނާއި ސަލްމާންގެ އެކުވެރިންވެސް ވަނީ ސަލީމްއަށް ޒިޔާރަތްކޮށްފައެވެ. އޭގެތެރޭގައި ސަލީމްއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި ޖާވިދު އަހްތަރު އަދި އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން އަދި އާމިރު ޚާން ހިމެނެއެވެ. ކުރީގެ ފިލްމީ ތަރި ހެލެންއާ ދެ އަންބަށް ކައިވެނިކޮށްގެން އުޅޭ ސަލީމްގެ ފުރަތަމަ ކައިވެންޏަށް ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ލިބިފައިވާއިރު ސަލީމްގެ އާއިލާއަށް ނިސްބަތްވާ އަރުޕިތާ އަކީ އެ އާއިލާއިން އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ