ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާ އަނބުރާ ދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
ޅ. ކުރެންދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މެމްބަރުން ބިރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށާއި ބިރުވެތިވާން ޖެހޭނީ ހަމައެކަނި ހެއްދެވި ފަރާތް ދެކެ ކަމަށެވެ. އަދި ވަޒީފާތަކުން އެ ފަރާތްތައް ވަކިކޮށްފިނަމަ ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި އެ ފަރާތްތަކަށް ވަޒީފާ ދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ނިކުމެވަޑައިގަންނަވާ، ނުކެރޭނެ ވަޒީފާއިން ވަކިކުރާކަށެއް. ކޮށްފިއްޔާ، މިއީ ދެ އަހަރުގެ ސަރުކާރެއް މިއޮތީ. އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސް އެ ވަޒީފާ އެ ބަޔަކަށް ދޭނަން. އަދި ވަޒީފާއިން ވަކިކުރިޔަސް އެ ވަޒީފާ އަނބުރާ ހޯދައިދިނުމަށްޓަކާ ގާނޫނުގެ ތެރެއިން، ކޯޓުތަކުގެ ތެރެއިން އަޅުގަނޑުމެން އެ މަސައްކަތްކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ބިރުފަހަނައަޅައި ގޮސް އުފައްދާފައިވާ އޮތް ވިސްނުމެއް ކަމަށާއި ޕާޓީގެ މެމްބަރުން އެއްގޮތަކަށް ވެސް ފަހަތަށް ނުޖެހުމަށް އިބޫ ގޮވާލެއްވި އެވެ. އަދި ކައުންސިލް އިންތިހާބުގައި މުޅި ރާއްޖެއިން ވެސް ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ލިބޭތަން ފެންނަމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް ރައްޔިތުންގެ ތާއީދާއެކު ކާމިޔާބުކުރާނީ އެމްޑީޕީން ކަމަށް ވިދާޅުވި އެވެ.
"އޭރުން އަނެއްކާވެސް އަޅުގަނޑުމެން ފިއްތާފައި ތިބި ތިބުން ފަހަނައަޅައި ގޮސް، މުޅި ރާއްޖެ އެކީގައި ތަރައްގީ ކުރުމަށް ފެށި މަސައްކަތް އަނެއްކާ ވެސް ބާރު ސްޕީޑުގައި ގެންދެވޭނީ،" އިބޫ ވިދާޅުވި އެވެ.
ވަޒީފާއިން ވަކިކުރާ މީހުންނަށް އަނބުރާ ވަޒީފާ ދޭނަން: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ