ބަޔާން އަތުން ޕީއެސްޖީއަށް ހަނި މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން, ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކުރިއިރު މި މެޗުގައި ވަނީ ޖުމްލަ 9 ލަނޑު ފެނިގެންގޮސްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބަޔާން މިއުނިކް އިންނެވެ. އެއީ މެޗުގެ 17 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން އެވެ.
ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ޕީއެސްޖީގެ ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ޕީއެސްޖީ އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި ޖޮއާއޮ ނަވާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބަޔާން މިއުނިކްގެ މައިކަލް އޮލިސޭ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރި ނަމަވެސް ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ސުވާލުތަކެއް އުފެދިގެންދިޔަ ޕެނަލްޓީ އަކުން އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
ޕީއެސްޖީގެ ކްވަރަޓްސްކޭލިއާ ލަނޑެއް ޖަހާ މެޗުގެ 56 ވަނަ މިނިޓުގައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރިތާ ދެ މިނިޓު ފަހުން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފަ އެވެ.
ބުންޑެސްލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ޑަޔޮޓް އުޕަމެކާނޯ ކާމިޔާބުކޮށްދިންތާ ތިން މިނިޓު ފަހުން ލުއިސް ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-4 އަށް ބަދަލުކޮށްފަ އެވެ.
މި ދެ ޓީމު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ކުޅޭނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ބަޔާން މިއުނިކްގެ އެލިއަންޒް އެރީނާ ގައެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ