މިއަދު ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން: އަންވަރު

މިއަދު ދިވެހިރާއްޖޭގައި ދިވެހި ބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން ކަމަށް ދިވެހިބަހުގެ އުޒްތާޒް އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އަންވަރު މިފަދައިން ވިދާޅުވީ ކޮންމެ އަހަރަކު ވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން "އެސްއެސް ޓީވީ"އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. ދިވެހި ބަހަކީ ދިވެހީންގެ އެއްބައިވަންތަކަން ހާމަކޮށްދޭ އެންމެ ފާޅުކަން ބޮޑު އަސާސްކަން ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ، ދިވެހީންގެ މި ގައުމު އެއްބައިވަންތަކަމާއެކު ދެމިއޮތުމުގައި ބަހުގެ ދައުރު ވަރަށް ފުޅާ ކަމަށެވެ. އެގޮތުން ދިވެހިބަހުގެ އަސްލު ވާރުތަވެރިންނަކީ އަދި ބަހުގެ އިސް މޭސްތިރިންނަކީ މިއަދު ނޫސްވެރިން ކަމުގައި އޭނާ ސިފަކުރެއްވިއެވެ. "ޚާއްސަކޮށް ދިވެހިރާއްޖޭގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން. މިއަކަށް ދެބަހެއް ނުވެވޭނެ،" އަންވަރު ވިދާޅުވިއެވެ. ނޫސްވެރިންގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އަންވަރު ވިދާޅުވީ، އޮންލައިން ނޫސްތަކުގެ ޚަބަރުތަކަށް ބަލާއިރު ސާފު ދިވެހި ބަހަށް ފުށުއަރާ، ހަގީގީ މާނަ އޮޅޭ ބައެއް ބަސްތައް ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ރަނގަޅު ކޮށްލަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި، އެކަންކަން އިސްލާހު ކުރުމަކީ ދިވެހި ބަހަށް ލިބޭނޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ނޫސްތަކުގައި ލިޔެފައި ހުންނަ ޚަބަރުތަކަކީ ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ލިޔެފައި ހުންނަ އެއްޗަކަށް ވާން އެބަޖެހޭ. ނޫސްތަކުން އާންމުކޮށް ފެންނަ ކުށްތަކަށް ބަލާއިރު، އެ ކުށްތަކަކީ މިހާރު އޮންލައިން ނޫސްތަކެއްވީމަ ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވޭނެ [ކަންކަން]. އެހެންވީމާ ކުށެއް ފަހުން ވެސް ފެނިއްޖެނަމަ ވާނެ އެ ކުށެއް އަވަހަށް ރަނގަޅުކޮށްލަން," އަންވަރު ވިދާޅުވިއެވެ. ބަހުގެ ހަމަ ހިފެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ލިޔުންތައް ޝާއިއުކުރުމުގެ ކުރިން ދެވަނަ ފަހަރަށް ޗެކް ކުރާނެ ނިޒާމެއް އޮތުން ކަމަށް އަންވަރު ލަފާދެއްވިއެވެ. "އަޅުގަނޑުމެން މިކަން ކުރުމަށްޓަކައި ނޫސްތަކުގައި، ޚާއްސަކޮށް ބަހުގެ ހަމަ ހިފެހެއްޓުމަށްޓަކައި ލިޔުންތައް ލިޔުމަށްފަހު ދެވަނަ ފަހަރަށް ޗެކް ކުރުމުގެ ނިޒާމެއް، ނޫނީ ކޮންމެވެސް ބަޔަކު އެކަން ބެލެހެއްޓުމުގެ ނިޒާމެއް އެބައޮންނަން ޖެހޭ،" އަންވަރު ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިބަހުގައި ގެއްލިފައިވާ ރީތި ހަމަތައް މިއަދުގެ ލިޔުންތަކުން ފެންނަންޖެހޭ ކަމަށާއި، މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބަސްބަހާއި އިލްމުތަކަށް ލޯ ހުޅުވުމަށް ފަސޭހަވާނެ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއަދަކީ ގައުމީ ނަޒަރަކުން ބަލާއިރު ވަރަށް ފަޚުރުވެރި އަދި ޚާއްސަ ދުވަހެއްގެ ގޮތުގައި އަންވަރު ވަނީ ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ