ނަޝީދުގެ އިސްތިއުނާފު މައްސަލަ ޕީޖީން ސުޕްރީމް ކޯޓަށް ވައްދައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބަޔާނެއްނެރެ ބުނީ ވަނީ ނަޝީދުގެ އިސްތިއުނާފު މައްސަލަ ބަލައިގަތުމުގެ ހުއްދަދެވެން ނެތް ކަމަށް ނިންމި ނިންމުން ދިރާސާކުރި އިރު، އެ ނިންމުމަށް ވާސިލުވުމަށްޓަކައި ހައިކޯޓުން ގާނޫނު ތަތްބީގުކޮށްފައި ވަނީ އެންމެ ރަނގަޅަށްކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިން ބާރު ލިބިގެން ކަމަށާއި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ނަޝީދަށް އޮތް ކަމަށް ހައިކޯޓުން ކަނޑައެޅިއިރު އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލާގައި ބައިވެރިވެ އިސްތިއުނާފު ކުރިއަށްގެންދިޔުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެއްބާރުލުންދީފައި ނުވާ ކަމަށެވެ.
"... މީގެއިތުރުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުން ގާނޫނާ ޚިލާފު ނުވަތަ ބާތިލް އިޖުރާއަތަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ހިންގާފައިވާކަން ދައްކުވައިނުދޭ ކަމަށް ވެސް ހައިކޯޓުން ނިންމަވާފައިވެއެވެ. އެހެންކަމުން ގ. ކެރެނީގޭ މުހައްމަދު ނަޝީދުގެ ފަރާތުން އެ އިސްުތިއުނާފު ހުށަހަޅާފައިނުވާތީ އިސްތިއުނާފު ބަލައިގަނެވެން ނެތް ކަމަށް ވެސް އެ ކޯޓުން ކަނޑައެޅުއްވިއެވެ. މި ސަބަބަބުތައް މިހެން ހުރުމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގައި، ޖިނާއީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުގެ ދުސްތޫރީ ބާރު ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށް ފާހަގަކޮށްފައިވާނެ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ. "ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެކެނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމަވަން ވާނީ ދައުވާ ކުރާ ފަރާތަކީ ނުވަތަ ދައުވާ ލިބޭ ފަރާތަކީ ކޮންމެ ފަރާތަކަށް ކަމަށް ވިޔަސް ގާނޫނުތަކާ އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ،" 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ