ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 'އަމާން ޓަވަރު'ތަކުން އުސޫލާ ހިލާފަށް ކުނި އަޅައި ހަޑިކުރާ މީހުން ޖޫރިމަނާކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން، އެކި ތަންތަނަށް ބައެއް މީހުން ކުނި އަޅައި ހަޑިކުރާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، އެފްޑީސީއިން މިދިޔަ ހޮނިހިރު ދުވަހު އެތަން ސާފުކުރި އެވެ. އެކަމަކު ދެތިން ދުވަސް ނުވެ، އަނެއްކާވެސް އެތަން ވަނީ ކުނި އަޅައި ހަޑިކޮށްލާފަ އެވެ.
ތަފްސީލް - އެ ސަރަހައްދު އަނެއްކާވެސް އެފްޑީސީން މިއަދު ސާފުކުރަން ފަށައި ނެރުނު ބަޔާނެއްގައި ބުނީ، ކުނި އުކާލުމަށް ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް ކުނި އުކަމުންދާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރި ބައެއް މީހުން މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ކުނި އުކާލުމުގައި މާހައުލުގެ ސާފުތާހިރުކަމަށް ފަރުވާތެރިވުމަށް އިލްތިމާސްކުރި އެވެ.
އެފްޑީސީން ބުނިގޮތުގައި:
އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް
ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ 'ގާބޭޖް ރޫމް'ތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނި ވަށިތަކަށް
ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫން ވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް
މިގޮތަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ދަނީ ލިބެމުން
އެނގުން މުހިންމު - އެފްޑީސީގެ އަމާން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަދި މިވީ ދެތިން މަހެވެ. ރޯދައާ ދިމާކޮށް، ގިނަ ބަޔަކު އާ އެޕާޓްމެންޓުތަކުގައި ދިރިއުޅެން ބޭނުންވެ، އެތަނަށް އަންނަނީ ބަދަލުވަމުންނެވެ. އާ ގެއަށް ބޭނުންވާ ސާމާނު ހުސްކުރި އެކި ވަރުގެ ހުސް ފޮށިގަނޑުތަކާއި ބާ ފަރުނީޗަރުތައް ބަހައްޓަނީ ބޭރުގަ އެވެ. އެހެންވެ، ގިނަ އަދަދެއްގެ ކުންޏާ އެކު، އެ ހިސާބުގަނޑުގައި ފައި އަޅާލަން ނުކެރޭ ވަރަށް ކުނިތައް ވަނީ ގިނަ ވެފަ އެވެ.
ގޭގެއިން އުކާލާ ކުނި އާންމު ސަރަހައްދުތަކަށް މިގޮތަށް ޖަމާކުރުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ކުނިތައް ނައްތާލުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ.
ފަހި ފްލެޓުތަކުން ކުނި އަޅައި ހަޑިކުރާ މީހުން ޖޫރިމަނާކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ