ގެއްލުނު އިޤްބާލް ފެނިއްޖެ، ފެނުނީ ޑިންގީގެ އިންޖީނު ހުއްޓިގެން ބޮއެއްގައި އައްސައިގެން އޮއްވާ

ރ. ވާދުއިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު، މީހާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މިގޮތުން، ގެއްލިގެން ހޯދަނިކޮށް ފެނުނީ މުޙައްމަދު އިޤްބާލެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ، ރޭ 20:48ހާއިރެވެ. ފުލުހުން ރޭ ބުނި ގޮތުގައި، އިއްޔެ ފަތިހު އޭނާ ކަނޑުމައްޗަށް ނިކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. މަހަށް ނިކުތްއިރު، އޭނާގެ އަތުގައި ފޯނެއް ވެސް ނެތް ކަމަށް އޭރު ފުލުހުން ބުންޏެވެ. މިއަދު ފުލުހުން ބުނީ، އިޤްބާލް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ފެނުނީ، ހެނދުނު 06:53 ހާއިރު އިޤްބާލް ހޯދުމަށް ވާދޫން ނުކުތް ބަޔަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިގޮތުން، އޭނާ ފެނުނީ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެއިތުރުން، ފުލުހުން ވަނީ އިޤްބާލް ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ޝުކުރު އަދާކޮށްފައެވެ. އެކަނި މަހަށް ނުފުރާން ފުލުހުންނާއި ސިފައިން އިލްތިމާސްކުރި ނަމަވެސް ރަށްރަށުގައި އެއީ އާންމު ކަމެކެވެ. މީގެ ކުރިން ވެސް އެކަނި މަހަށް ނުކުންނަ މީހުން ގެއްލިގެން ހޯދަން ޖެހެއެވެ. ބައެއް ފަހަރު އެ ފަދަ ވަރަށް ހިތާމަވެރި ހާދިސާތަކުގައި މީހުން ނިޔާވެފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ