ރަސްމާލެ ހިއްކުމުގެ 30 ޕަސެންޓު މަސައްކަތް ނިމިއްޖެ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ކ. ފުށިދިއްގަރު ފަޅުގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ޖުމުލަ 30 ޕަސެންޓު ފުރިހަމަވެއްޖެ ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ހާމަކޮށްފިއެވެ. އެ މަޝްރޫއުގެ ތެރެއިން ރަސްމާލެ ސައިޓު 'އޭ'ގެ މަސައްކަތް ފެށީ މި މަހުގެ ފުރަތަމަ ދުވަހެވެ. އެމްއޭސީއެލުން ހާމަކުރި ގޮތުގައި ރަސްމާލޭގެ ސައިޓު "އޭ"ގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެއެވެ. https://x.com/MACLmedia/status/2003743821642056030 ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓަބެލް ކޮލޯން' ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި 'ކްރިސްޓަބެލް ކޮލޯން' ގެނެސްގެން މަސައްކަތްކުރަން ފެށުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވިވާނެއެވެ. ރަސްމާލެ ހިއްކަން ބޭނުންކުރާ 'ކްރިސްޓަބެލް ކޮލޯން': ރައީސް ވިދާޅުވީ މި ޑްރެޖަރުގެ ސަބަބުން މަސައްކަތް ތިން ގުނަ ހަލުވިވާނެ ކަމަށް --- ފޮޓޯ: އެމްއޭސީއެލް ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައިވެއެވެ. https://sun.mv/214723 ރަސްމާލޭގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު އެ މަނިކުފާނު މީގެ ކުރިން ވިދާޅުވި މުއްދަތަށް އެ މަސައްކަތް ނުނިމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޑިސެންބަރު 18، 2023 ގައެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ. އެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެ ކަމަށް ސަރުކާރުން ބުނެއެވެ. ރަސްމާލޭގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް ބައްލަވާލެއްވިއެވެ. އެގޮތުން، ސައިޓް-ޖޭ އެއްކޮށް ހިއްކާފައިވާ ކަމަށާއި ސައިޓް-އެލް ގެ 25.53 ޕަސެންޓު، އަދި ސައިޓް-ސީގެ 20.09 ޕަސެންޓު ހިއްކާފައިވާ ކަމަށް އެ ދުވަހު ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ