ސަރުކާރު ވަޒީފާއެއްގައި ހަމައެކަނި ހުރުމަކުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން ގައިދެއް ނުކުރެވޭނެ: ބާ ކައުންސިލް ސަރުކާރު ވަޒީފާއެއްގައި ހަމައެކަނި ހުރުމަކުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން ގައިދެއް ނުކުރެވޭނެ: ބާ ކައުންސިލް

ސަރުކާރުގައި ވަޒީފާ އަދާކުރާ ގާނޫނީ ވަކީލުން، އެ މަގާމުގައި ދެމިތިބޭ މުއްދަތުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގައި މުތުލަގަށް މަނާކޮށްފައިވާ ކަމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ވަޒީފާއެއް ހަމައެކަނި އަދާކުރުމަކީ ގާނޫނީ އެ މަގާމުގައި ދެމިތިބޭ މުއްދަތުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމުން ގައިދުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
"ދައުލަތުގެ ނުވަތަ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ކުރުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި އެ ވަކީލަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން ގައިދުކުރެވޭނެ ހާލަތެއް ނޫނެވެ. އެފަދަދ ގައިދުކުރުމެއް ގެނެވޭނީ ގާނޫނު ނުވަތަ ގަވާއިދު ނުވަތަ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ޒަރީއާއިންނެވެ،" ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެހެންނަމަވެސް، ބާ ކައުންސިލުން ވަނީ ސަރުކާރު ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކުރި މީހަކަށް ގާނޫނީ ހިދުމަތް ނުދެވޭނެ ހާލަތްތައް ބަޔާން ކޮށްދީފަ އެވެ.
އެގޮތުން މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއްގައި ގާނޫނީ ހިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދުން މަނާކޮށްފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ. މަސްލަހަތު ފުށުއަރާނެ ފަދަ ކަމެއް ކަމަށް އެ ބަޔާނުގައި ބުނީ އެމީހަކު ވަޒީފާ އަދާކުރާ ތަނަކަށް ނުވަތަ ވަޒީފާ އަދާކުރި ތަނަކަށް ހުށަހެޅުނު ނުވަތަ މަޝްވަރާ ކުރެވުނު މައްސަލައެއްގައި، އިދިކޮޅަށް ގާނޫނީ ހިދުމަތް ދިނުން ފަދަ ހާލަތްތަކެވެ.
އެފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަމަށް ގާނޫނީ ފަންނުގެ ގާނޫނާއި ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފަރުވާތެރިވުމަށް ބާ ކައުންސިލުން އިލްތިމާސް ކޮށްފައިވެ އެވެ. އަދި, އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނީ ފަންނުގެ ގާނޫނުގައި އާއި ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް އަމަލުކުރުން ލާޒިމުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހަކާއި އެ އިދާރާއަކާ ދެމެދު ވެފައިވާ އެއްބަސްވުމެއް ނުވަތަ ގަވާއިދެއްގައި ވަޒީފާގެ ބޭރުން ގާނޫނީ ހިދުމަތް ދިނުން މަނާކުރާ މާއްދާއެއް އޮތް ނަމަ، އެކަމަށް އިހުތިރާމު ކުރުމަށް ވެސް ބާ ކައުންސިލުގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ