އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.
ލިވަޕޫލް އަށް ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް މި ސީޒަނުގައި ހޯދިފައިނުވާއިރު މި މެޗުން މޮޅުވުމާއިއެކު އެ ޓީމުގެ ކޯޗު އާނޭ ސްލޮޓަށް ވަނީ ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ. އެގޮތުން އެފް އޭ ކަޕުގެ ކުއާޓަރ ފައިނަލުގައި މެންޗެސްޓަރ ސިޓީ އަކުން ބަލިވެފައިވާއިރު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ޕީއެސްޖީ އަތުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
އެންފީލްޑްގައި މި މެޗު ފެށުމުގެ ކުރިންވެސް އަދި މެޗުގެ ތެރޭގައިވެސް މެޗު ޓިކެޓުގެ އަގު ބޮޑުވުމާއިގުޅިގެން ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ލިވަޕޫލް އިން ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 36 ވަނަ މިނިޓުގައި އުމުރުން 17 އަހަރުގެ ޒުވާން ފޯވަޑް ރިއޯ އެންގުމޯހާ އެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގައި އާނޭ ސްލޮޓް ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފޯވަޑް އެލެކްޒެންޑަރ އާނޯލްޑް މެޗުގެ 69 ވަނަ މިނިޓުގައި ކުޅެން އަރުވާފަ އެވެ.
މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ފުލަމް އަށް ލިބިފައިވާ 44 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.
ފުލަމް އަތުން ލިވަޕޫލް އަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ