ސީލައިފް ވެރިޔާ އަހުމަދު މޫސާގެ މައްޗަށް ކުރާ ޚިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް، ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މިމައްސަލާގައި ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާއެއް ކޮށްފައިވެއެވެ.
މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، 30 މޭއި 2021 ގައެވެ. މި މައްސަލާގައި ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. މިދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ ނިންމަވާފައެވެ.
މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެެވެ. އަދި މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާނުލައި ކަމަށް ޕީޖީން ވިދާޅުވިއެވެ. ޕީޖީން ވިދާޅުވީ ކްރިމިނަލް ކޯޓުން މި ހުކްމް ކޮށްފައިވަނީ، ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށެވެ.
މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް، ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ މައްޗަށް ދައުވާކުރަނީ އޭނާ ކުންފުނިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ހީލަތުން އެކި މީހުންގެ އަތުން، ފައިސާ ނަގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކޮށެވެ.
ސީލައިފްގެ ވެރިޔާއަށް ކުރި ހުކުމް އިސްތިއުނާފް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ