ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ތަކުރާރުކޮށް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް އަނިޔާތައް ލިބޭކަން ފާހަގަވެ، މުވައްޒަފެއްގެ ފުރާނައަށް ގެއްލުންވި ހާދިސާތަކެއް އެޗްއާރްސީއެމަށް ރިޕޯޓުކޮށްފައިވުމުގެ ސަބަބުން ވެމްކޯގެ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނަށް ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ސަބަބުން ވެމްކޯގައި ހުރި މަސައްކަތުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އެކަށީގެންވާކަމާމެދު އާއްމުންގެ މެދުގައި ކަންބޮޑުވުން އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަންތައްތަކެއް އެކުލެވިގެންވާ މަސައްކަތަކަށްވެފައި، އޭގެ ތެރޭގައި ބަޔޮލޮޖިކަލް ކޮންޓެމިނެންޓްތަކާއި، ނުރައްކާތެރި މާއްދާތަކާއި، ތޫނު އެއްޗިއްސާއި، ބޮޑެތި މެޝިނަރީތަކަށް ހުށަހެޅިމާއި، އަދި ޖިސްމާނީ ގޮތުން ކުރަންޖެހޭ ބުރަ މަސައްކަތް ހިމެނޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނީ އިލްތިޒާމްތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަމުންދާކަން ދެނެގަނެ ޔަގީންކުރުމަށް އެޗްއާރްސީއެމް އިން އެކަމާ ގުޅޭގޮތުން ތަހުގީގީ މަސައްކަތެއް ދަނީ ކުރަމުންނެވެ.
ތަހުގީގުގައި މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭތޯ ބަލައި، މަސައްކަތްތެރިން ހުށަހެޅޭ ސިއްހީ ނުރައްކާތަކާއި، އެކަންކަމާ ގުޅިގެން އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމަންޓް ފޯރުކޮށްދީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރާއި، މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަމްރީން ދީފައިވޭތޯ ބެލުން ހިމެނެ އެވެ.
"މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތައް ރިޕޯޓުކޮށް ފިޔަވަޅު އަޅާތޯ އާއި ބިދޭސީ މަސައްކަތްތެރިންނަށް ނުވަތަ ނާޒުކު ހަލަތުގައި ތިބޭ މަސައްކަތްތެރިންނަށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅޭތޯ ބެލުމާއި، އަދި ބިރުދެއްކުމެއް ނުވަތަ ބަދަލުހިފުމުގެ ބިރެއް ނެތި މަސައްކަތުގެ ރައްކާތެރިކަމާގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު މަސައްކަތްތެރިންނަށް އޮތްތޯ މި ތަހުގީގައި ބަލާނެ،" ކޮމިޝަނުން ބުންޏެވެ.
ތަހުގީގުގެ ތެރެއިން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށް އިންސްޕެކްޓްކުރުމާއި، ކަމާގުޅޭ ލިޔެކިޔުންތަކަށް އެދުމާއި އެ ތަކެތި މުރާޖައާކުރުން، އަދި މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ ކަންކަން ވެސް ކުރިއަށްގެންދާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް އެއްބާރުލުން ދިނުމަށް ވެމްކޯގެ މިހާރުގެ ނުވަތަ ކުރީގެ މަސައްކަތްތެރިންގެ މަންދޫބުން، އަދި ގުޅުންހުރި މައުލޫމާތު ލިބިފައިވާ އާންމު ފަރާތްތަކަށް އެޗްއާރްސީއެމް އިން ގޮވާލި އެވެ.
އެ ކޮމިޝަނުން ބުނީ މިކަމާ ގުޅިގެން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ މައުލޫމާތު ކަމަށާއި ތަހުގީގަށް އެއްބާރުލުންދޭ ފަރާތްތަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާ މެދު ސުވާލު އުފެދޭ ތިން ހާދިސާއެއް ހިނގާފައިވާތީ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
ވެމްކޯގައި ހިނގި ހާދިސާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް މައްސަލައަކީ، މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ތިލަފުށީގައި ކުނި ނަގަން އުޅުމުގެ ތެރޭގައި ހައިމާކެއްގެ ދަތްގަނޑުން ޖެހި، ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ އަމީން މިއާ މަރުވި ހާދިސާއެވެ.
މި މައްސަލައިގައި ވެމްކޯގެ އިހުމާލެއް އޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކުރީވެސް ދެ ދުވަސް ފަހުންނެވެ. ނަމަވެސް، ރިޕޯޓުކުރުން އެހާ ބޮޑަށް ލަސްވި ސަބަބެއް އެ ކުންފުނިން މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ.
ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެޗްއާރްސީއެމްގެ ކަންބޮޑުވުން ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެޗްއާރްސީއެމްގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ