ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މީސްމިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
ދިވެހި ގައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ.
އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަންމަތީ ދިވެހި ގައުމު ދެމިއޮތުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރައްވައި، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ގައުމީ ބަތަލުން ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ