ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއްކުރަމުންދާ އެއާޕޯޓުގެ އުންމީދު ހަގީގަތަކަށް ހަދައިދޭނަން: ރައީސް ޑރ.މުއިއްޒު

ބ.ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއްކުރަމުންދާ އެއާޕޯޓުގެ އުންމީދު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، މިހާރު ބ އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުޅާދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތުޅާދޫގެ ދުރު ރާސްތާ އަދި މެދު ރާސްތާ ޕްލޭނަށްޓަކައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މިއަހަރު، ތުޅާދޫގައި އިތުރު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ހަމަ އެއާއި އެކު، ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއަށްވެސް ތަރައްޤީ ގެނައުމަށްޓަކައި ތުޅާދޫގައި ކުރައްވާނެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މި ބައްދަލުކުރެއްވުމުގެ ތެރެއިން އެމަނިކުފާނު ވަނީ ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.
Advertisement
ސިނާޢީ ގޮތުން މަސްވެރިކަމާ ލިޔެލާ ޖެހުމަކީ ތުޅާދޫގައި ކުރާ މަސައްކަތްތަކެއް ކަމުގައި ފާހަގަކުރައްވައި ރައީސް ޑރ.މުއިއްޒު ވަނީ  މީގެން ކޮންމެ ސިނާޢަތަކަށްވެސް ކުރިއެރުން ލިބޭނެ މަގުފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވެފައެވެ.
މީގެ ތެރެއިން ވެސް ހާއްސަކޮށް ލިޔެލާ ޖެހުމަކީ ވަރަށް މަދުން ފެންނަ ސިނާއަތެއް ކަމަށާއި މިއީ ދިވެހި ޤައުމިއްޔަތާ، ދިވެހިވަންތަކަމާވެސް، ގުޅިފައިވާ ސިނާޢަތެއްކަން ރައީސް ޑރ.މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގަތް ފަދައިން، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެލާ ޖެހުން ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
"އަޅުގަނޑު ދަންނަވާފައި ވާނެ ކެމްޕެއިން ތެރޭގައި، އެކަން ރައްކާތެރިކުރުމަށްޓަކައި، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދީ، ކިޔަވައިދީ، ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރަން ޖެހޭކަން، އެކަން ހަނދާން އެބަހުރި، އެއީ ގައުމީ ކަމެއް."
ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒުގެ ވިސްނުންފުޅު ހުރީ މީގެކުރިން ވެސް ރާއްޖޭގައި ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ ފަންނުވެރިކަމުގެ ތަފާތު މައުރަޒުތައް  އަލުން އިޔާދަ ކުރުމަށް ކަމަަށާއި، އެ ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތްތާގައި ވެސް ތުޅާދޫއަށް އެކަމުގެ ނަފާ ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ