ޤުރްއާނުގައި ބަޔާންވެގެންވާ އަންހެނުންގެ ތެރެއިން: އުއްމު ޖަމީލު

ޢަލީ އިޙްޞާން ފިރާޤް
 
أُمُّ جَمِيلُ އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ބަފައިފުށުގެ ބޮޑުބޭބެއެއް ކަމުގައިވާ أَبُو لَهَب ގެ އަންހެނުންނެވެ. أَبُو لَهَب ގެ އަސްލު ނަމަކީ عَبْدُ العُزّى بْنُ عَبْدِ الْمُطَّلِب އެވެ. އޭނާގެ ކުންޔަތަކީ أَبُو عُتبة އެވެ. އޭނާއަށް أَبُو لَهَب އޭ ކިޔުނީ އޭނާގެ މޫނުމަތީގައިވާ އަލިކަމެއްގެ ސަބަބުނެވެ. އޭނާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަދާވާތްތެރިންގެ ތެރެއިން އަރާހުރި މީހެކެވެ. 
أَبُو لَهَب ގެ އަނބި أُمُّ جَمِيلُ އަކީވެސް ނުބައި ނުލަފާކަމުގައި ހައްދު ފަހަނަ އަޅައިފައިވާ މީހެކެވެ. އޭނާއަކީ ޤުރައިޝުގެ އަރާތިބި އަންހެނުންގެ ތެރެއިންވެސް އަރާއިން އަންހެނެކެވެ. އޭނާގެ އަސްލުނަމަކީ أَرْوَى بنتُ حَرْبِ بْنِ أُمَيَّة އެވެ. އޭނާއަކީ أبُو سُفْيَان ގެ އުޚުތެވެ. އޭނާވީ އޭނާގެ ފިރިމީހާ أَبُو لَهَب އަށް އެންމެހައި ނުބައި ކަމެއްގައި އެހީތެރިވެދޭ މީހެއްކަމުގައެވެ. އެހެން ކަމުން ޤިޔާމަތްދުވަހު އެދެމީހުންނަށް ގަދަގަދަ ޢަޛާބު ހުރިކަން ޤުރްއާނުގައިވަނީ އަންގަވައިފައެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދު، ޞަފްޙާ 623-624} 
رَبِيعَةُ بْنُ عَبَّادُ ގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން ވަރަށް ކުޑައިރު އަހަރެންގެ ބައްޕައާއެކު ذِي الْمَجَاز ގެ ބާޒާރަށް ދިޔާމެވެއެވެ. އެތަނުން ތިމަން ރަސޫލާ صلّى اللّـه عليه وسلّم  ދުށީމެވެ. އޭރު އެކަލޭގެފާނު މީސްތަކުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވަމުން ގެންދަވައެވެ. [އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން لَا إِلَهَ إِلَّا اللَّهُ ކިޔާށެވެ. އޭރުން ކާމިޔާބު ލިބޭނެ ބަޔަކީ ހަމަ ތިޔަބައިމީހުންނެވެ.] 
رَبِيعَةُ بْنُ عَبَّادُ ވިދާޅުވެފައިވެއެވެ. އެއްވެފައިވާ މީސްތަކުންގެ ފަހަތުގައި މީހަކު ހުރެގެން ކިޔައެވެ. [މިއީ ކާބަފައިގެން ދީން ދޫކޮށް މުރުތައްދުވެފައިވާ މީހެކެވެ. ބޮޑު ދޮގުވެރިއެއްމެއެވެ.] ދެން އަހަރެން ބައްޕަކުރެން، އެއީ ކާކުތޯ އެހުމުން ބައްޕަ ބުނުއްވިއެވެ. [އެއީ އެކަލޭގެފާނުގެ ބޮޑުބޭބެ أَبُو لَهَب އެވެ.] {މުސްނަދު އަޙްމަދު، ބައިހަޤީ} 
أَبُو لَهَب އާ ބެހޭ ގޮތުން ޤުރްއާނުގެ މަސަދު ސޫރަތުގެ އެއްވަނަ އާޔަތާއި ދެވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ‎﴿١﴾‏ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ‎﴿٢﴾‏ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ‎﴿٣﴾
މާނައީ: [أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.] 
طَارِقُ بْنُ عَبْدِ اللَّهِ الْمُحَارِبِي ވިދާޅުވެފައިވެއެވެ. ذِي الْمَجَاز ގެ ބާޒާރުން ރަސޫލާ صلّى اللّـه عليه وسلّم  މީސްތަކުންނަށް ނަސޭހަތް ދެއްވާ މަންޒަރު އަހަރެން  ދުށީމެވެ. އޭރު އެކަލޭގެފާނު ވިދާޅުވަމުން ގެންދަވައެވެ. [އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން لَا إِلَهَ إِلَّا اللَّهُ ކިޔާށެވެ. އޭރުން ކާމިޔާބު ލިބޭނެއެވެ.] އެކަލޭގެފާނުގެ ފަހަތްޕުޅުގައި މީހަކު ހުރެގެން އެކަލޭގެފާނުގެ ފައިންޕުޅުގައި ހިލައިންތަޅައި ލޭ އަންނާނެ ފެށުމުން މީސްތަކުންނާ ދިމާއަށް ބުނެއެވެ. [މީނާގެ ބަސް އެއްގޮތަކަށްވެސް ނާހާށެވެ. މީނާއަކީ ބޮޑު ދޮގުވެރިއެކެވެ.] طَارِقُ بْنُ عَبْدِ اللَّهِ الْمُحَارِبِي ވިދާޅުވެފައިއެވެ. އަހަރެން މީސްތަކުން ކުރެ އެއީ ކާކުތޯ ސުވާލުކުރުމުން މީސްތަކުން ބުންޏެވެ. އެއީ ރަސޫލާ صلّى اللّـه عليه وسلّم  ގެ ބޮޑުބޭބެ أَبُو لَهَب އެވެ. {مسند أحمد{ 
أَبُو لَهَب ގެ އަނބި أُمُّ جَمِيلُ އާ ބެހޭ ގޮތުން މަސަދު ސޫރަތުގެ ހަތަރު ވަނަ އާޔަތާއި ފަސްވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 
وَامْرَأَتُهُ حَمَّالَةَ الْحَطَبِ ‎﴿٤﴾‏ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ‎﴿٥﴾‏
މާނައީ: [އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.]
އަބުލް އައުލާ މައުދޫދީ ތަފްހީމުލް ޤުރްއާނުގައި ލިޔުއްވައިފައިވެއެވެ. މި ސޫރަތް ބާވައިލެއްވުމުން  أُمُّ جَمِيلُ ރުޅި އައިސް ފުފިގެން އަތުން ހިލަ މުއްވަރެއް ހިފައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم  ހޯދަން ނުކުތެވެ. އޭނާ ދިޔައީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ތައުހީނުކޮށް އޭނާ ހެދި ޅެންބައިތެއްވެސް ކިޔަމުންނެވެ. އޭރު މާތް ރަސޫލާ އާއި އަބޫބަކުރުގެފާނު ތިއްބެވީ ކަޢުބާގެ އަރިހުގައެވެ. އަބޫބަކުރުގެފާނު، މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް އޭނާ އަންނަ ޚަބަރު ދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [އޭނާއަކަށް ތިމަންކަލޭގެފާނެއް ނުފެންނާނެއެވެ.] ކަންތައްވީވެސް އެހެންނެވެ. އޭނާ ރަސޫލާގެ ކައިރީގައި ހުރިއިރުވެސް އޭނާއަކަށް އެކަލޭގެފާނެއް ނުފެނެއެވެ. 
أُمُّ جَمِيلُ ރުޅި އައިސްފައި އަބޫބަކުރުގެފާނަށް ބުންޏެވެ. [ކަލޭގެފާނުގެ އެކުވެރިޔާ އަހަރެންނަށް މަލާމާތުގެ ޚެން ހަދައިގެން ކިޔާ ވާހަކަ އަޑުއެހީމެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [މި ގެފުޅުގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. އެކަލޭގެފާނު ކަނބުލޭގެއަށް މަލާމާތުގެ ޅެން ހައްދަވައިގެން ވިދާޅެއް ނުވެއެވެ.] މިވާހަކަތައް އަޑުހައިފައި އޭނާ ހިނގައްޖެއެވެ. {އިބްނު އަބީޙާތިމް، އިބްނު ހިޝާމް، ބައްޒާރު} 
މައުދޫދީ ލިޔުއްވައިފައިވެއެވެ. މިދެންނެވި ރިވާޔަތުގައި އަބޫބަކުރުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަނބުލޭގެއަށް މަލާމާތުގެ ޅެންހައްދަވައިގެން ވިދާޅެއްނުވެއޭ އޮތީ އެކަނބުލޭގެ މައްޗަށް މަލާމާތުގެ ބަސްފުޅު ވަޙީ ކުރައްވައިފައިވަނީ ޚުދު މާތްﷲ ކަމަށް ވާތީއެވެ.
އަދިވެސް މައުދޫދީ ލިޔުއްވައިފައިވެއެވެ. މިދެންނެވި މަސަދު ސޫރަތުގެ ހަތަރުވަނަ އާޔަތުގައި أُمُّ جَمِيلُ ދަރު އުފުލަމުން ހިނގާ މީހާގެ ގޮތުގައި ސިފަކުރައްވައިފައިވަނީ އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ގެކޮޅުގެ ދޮރުކޮގެ ކައިރިއަށް ކަށިގަސްގަހުގެ ކަށިއަޅާ ކަމަށްޓަކައެވެ. މިހެން ވިދާޅުވާ ބޭކަލުންގެ ތެރޭގައި އިބްނު ޢައްބާސް އާއި އިބްނު ޒައިދު އާއި ޟައްޙާކު އާއި ރަބީޢު ބިން އަނަސު ފަދަ މުފައްސިރުން ހިމެނިވަޑައިގަންނަވައެވެ. 
ޤަތާދާ އާއި އިކުރިމާ އާއި ޙަސަނުލް ބަޞަރީ އާއި މުޖާހިދު ވިދާޅުވަނީ އޭނާ ދަރު އުފުލަމުން ހިނގާ މީހާގެ ގޮތުގައި ސިފަކުރައްވައިފައިވަނީ އޭނާ އެކެއްގެ ގާތުން އަނެކެއްގެ ގާތަށް ގޮސް ދޭތެރެ ޖެހޭ ފަދައިން ވާހަކަ ދައްކައި ފިތުނަ އުފައްދާތީ އެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ދެބައޮޑުވަމުންހިނގާތީއެއެވެ. 
سَعِيدُ بْنُ الْمُسَيَّب ވިދާޅުވެފައިވެއެވެ. أُمُّ جَمِيلُ ގެ ކަރުގައި ވަރަށް އަގުބޮޑު ހާރެއްވެއެވެ. އޭނަ އެއްފަހަރަކު ލާތަ އާއި ޢުއްޒާ ގަންދީ ހުވާކޮށްފައި ބުންޏެވެ. [ތިމަންގެ ކަރުގައި މިވާ ހާރު ވިއްކައިލައިފައި އެއިން ލިބޭ އެއްޗެއް ހޭދަކުރާނީ މުޙައްމަދުގެފާނަށް ޢަދާވާތްތެރިވުމަށެވެ.] 
أَبُو لَهَب އާއި أُمُّ جَمِيلُ ގެ އަންހެން ދަރިކަނބަލެއްކަމުގައިވާ دُرَّةُ بِنْتُ أبِي لَهَب އަކީ އިސްލާމްވެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވި ބޭކަނބަލެކެވެ. دُرَّةُ بِنْتُ أبِي لَهَب އިސްލާމްވެވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުން މަދީނާގެ އަންހެނުންތައް އެކަމަނާއާ ދިމާއަށް ކިޔަންފެށިއެވެ. [ތިޔައީ ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ އަބޫލަހަބުގެ އަންހެން ދަރިފުޅު  ހެއްޔެވެ؟  އެހެންވީއިރު ކަމަނާ ތިޔަ ކުރެއްވި ހިޖުރައިގެ އެއްވެސް މަންފާއެއްވާނެ ބާވައެވެ] 
دُرَّةُ بِنْتُ أبِي لَهَب ވަޑައިގެން މިވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު އެކަމަނާގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. މީސްތަކުންނާ މުޚާތަބުކުރައްވައި އެފަދަ ވާހަކަ ނުދެއްކެވުމަށް އެންގެވިއެވެ. ޙަދީޘް ކުރެއްވިއެވެ. [އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ޢާއިލާގެ މީހުންނާ މެދު ތިމަންކަލޭގެފާނަށް އުނދަގޫކޮށް، ހިތްނުތަނަވަސްކުރުވަނީ ކީއްވެގެން ހެއްޔެވެ؟]{كتاب الإصابة في تمييز الصحابة}
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ