ހުސްވި މާޗްމަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 64 ޕަސެންޓު ދަށްވެއްޖެ

ހުސްވި މާޗް މަހު ރާއްޖެއިން ބޭރު ގައުމުތަކަަށް އެކްސްޕޯޓް (ބޭރު) ކުރި މުދަލުގެ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑުތަން ދަށްވެއްޖެއެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު އިމްޕޯޓް ކުރެވުނު މުދަލުގެ އަގު 4 ޕަސެންޓު ވަނީ އިތުރުވެފައެވެ. އެއާ ހިލާފަށް ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ 64 ޕަސެންޓު ދަށްވެފައެވެ.
ރާއްޖެއިން ބޭރުގައުމުތަކަށް އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑު ކުރި މަހާއި ދަޅުގައި ބަންދު ކުރި މަހެވެ. އެގޮތުން 49 މިލިއަން ރުފިޔާގެ ގަނޑުކުރި މަސް ބޭރުކުރިއިރު 40 މިލިއަން ރުފިޔާގެ ދަޅު މަސް ވަނީ ބޭރުކޮށްފައެވެ.
ރާއްޖެއިން މިތަކެތި އެންމެ ގިނައިން ބޭރުކޮށްފައިވަނީ ދެކުނު އިރުމަތީގެ އޭޝިއާގެ ގައުމެއް ކަމަށްވާ ތައިލެންޑަށެވެ. ތައިލެންޑަށް ޖުމްލަ 41 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އަށް ވަނީ 27 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. އަދި ހަމައެހެންމެ ޖަރުމަނަށް 12 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު އިންޑިއާއަށް 7 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ.
މައިގަނޑު ގޮތެއްގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ އެކި ބާވަތްތަކުގެ ތެލެވެ. އެގޮތުން 1037 މިލިއަން ރުފިޔާގެ މެރިން ގޭހާއި ތެޔޮ، ޑީސަލް އަދި އޭވިއޭޝަން ގޭސް ވަނީ އެތެރެކޮށްފައެވެ. އަދި ކާބޯތަކެތީގެ ގޮތުގައި 985 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ހަމައެހެންމެ މެޝިނަރީ އަދި މެކޭނިކަލް ސާމާނުގެ ގޮތުގައި 728 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. އެންމެ މަދުން އެތެރެކޮށްފައި ވަނީ ދުންފަތާއި އަލްކޮހޯލްގެ ބާވަތްތަކަށެވެ. އެއީ 49 މިލިއަން ރުފިޔާގެ މުދަލެވެ.
މި ބާވަތްތައް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ އޮމާން އާއި އިންޑިއާއިންނެވެ. އޮމާން އިން 777 މިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައި ވާއިރު އިންޑިއާއިން ވަނީ 763 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. ލިސްޓުގެ ތިން ވަނައަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އޮތް އިރު ހަތަރުވަނައަށް އޮތީ ޗައިނާއެވެ. އަދި 401 މިލިއަން ރުފިޔާގެ މުދަލާއެކު ސިންގަޕޫރު އޮތީ ލިސްޓުގެ ހަތަރުވަނައިގައެވެ.
2023 ވަނަ އަހަރުގެ މާޗް މަހު 121 އުޅަނދެއް ރާއްޖޭގެ ވިޔަފާރި ބަނދަރަށް އައިސްފައިވާއިރު މިއަހަރު ވަނީ އެ އަދަދު 133 އަކަށް އިތުރުވެފައެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މާޗް މަހު ކަސްޓަމްސްގެ ރެވެނިއު ދަށްވެފައިވާއިރު މިއަހަރުގެ މާޗް މަހު ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 320 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ