މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހު ކޮށްފި

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ރޭ އިފްތިތާހު ކޮށްފިއެވެ. އެމްޓީއޭ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މާލޭ ސިޓީގެ މޭޔަ އާދަމް އާޒިމްއެވެ. މި ހަފްލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންއާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
އަލަށް އިފްތިތާހުކުރެވުނު މިޖަމިއްޔާގެ ރައީސްއަކީ މަޑުވަރިދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުއެވެ. އަދި މޖަމިއްޔާގެ ޗެއަރޕާސަންއަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރ ސައުދުއެވެ. ޖަމިއްޔާގެ ނާއިބު ރައީސްއަކީ އަމިނަތު މުޒުނީނާއެވެ.
އެމްޓީއޭ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭސިޓީގެ މޭޔަރ އާދަމް އާޒިމް ދެއްކެވި ވާހަކާގައި އޭނާވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މިފަދަ ޖަމިއްޔާ ޖަމާއަތްތަކަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ.
އާޒިމް ވިދާޅުވީ ވަކީން ޚާއްސަކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރުމީހުންގެ މައްސަލައަށް ކުރީގެ ވެރިކަމުގައި ވަރަށް ބޮޑު ހައްލެއް ގެނެސްދީފައިވި ނަމަވެސް އެމައްސަލަ އަނެއްކާވެސް ހައްލުކުރުމަށް މަސައްކަތް ނުކުރެވި ދޫކޮށްލެވިފައިވާކަމުގައެވެ.
ރޭގެ ހަފްލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކާގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތާއި، އަދި ވޮޔަފާރަވެރިންގެ ހައްގުގައި މަސައްކަތް ކުރާނޭ ޖަމިއްޔާތައް މަދުކަން ފާހަގަ ކުރައްވާ މިފަދަ ޖަމިއްޔާއަކަށް އަދާކުރެވިދާނެ މުހިންމު ދައުރާ ގުޅޭގޮތުން އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވާފައިވެއެވެ.
ރޭ އިފްތިތާހުކުރި އެމްޓީއޭއަކީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކަށް އެއްބާރުލުން ދީ, ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން, ވިޔަފާރިވެރިންގެ މަސްލަހަތުގައި ވަކާލާތުކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ، ކުރިޔަށް އޮތް ތަނުގައި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއި ގުޅުވާ ދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން, ވިޔަފާރަވެރިންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކާހަމައަށް ގެންގޮސްދިނުމަށް މަސައްކަތް ކުރާނެ ކަމުގައެވެ. އަދި ވިޔަފާރަވެރިންގެ ހައްގުގައި އަޑު އުފުލުމުގެ އިތުރުން, ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ދިވެހި ވިޔަފާރަވެރިންނަށް އިތުރު ފުރުސަތު ފަހިކޮށް ދިނުމަށް މިޖަމިއްޔާއިން މަސައްކަތް ކުރާނެކަންވެސް ޖަމިއްޔާއިން ބުނެފައި ވެއެވެ.
އޭގެ އިތުރުންވެސް ރާއްޖެއަށް ކުރިމަތިވާ އިގްތިސާދީ މައްސަލަތައް ފާހަގަކޮށް, އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަޝްވަރާދީ, އެމަގުން ބިނާކުރަނިވި ގޮތުގައި ޚިޔާލު ފާޅުކޮށް, ދިވެހި އިގްތިސާދު ކުރިއެރުވުމަށް ޖަމިއްޔާއިން ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރާނެކަމަށްވެސް ބުނެފައި ވެއެވެ.
ހަމަ އެއާއެކު, ވިޔަފާރިއާއި އިގްތިސާދާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކުރުވަނިވި ގޮތެއްގައި މިނިވަންކަމާއެކު ފާޑުކިޔުމުގެ އިތުރުން, ސަރުކާރުތަކުން އެކުލަވާލާ އިގްތިސާދީ ސިޔާސަތުތަކަށް ފަންނީ ލަފާ ދިނުމާއި, އެ ސިޔާސަތުތައް އެކުލަވާލެވިގެންދާއިރު ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެޖަމިއްޔާއިން ވެދެވެން އޮތް އެހީތެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން ދާނެކަމަށް ޖަމިއްޔާއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ