އޮލިމްޕަސް ހުރި ގޮތަށް ދޫކޮށްލާ، ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ހަތަރު ސްކްރީނު ހުންނަ ސިނަމާއެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓާ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އަހާ ފޯރަމުގައި ވާހަކަދައްކަވަމުން އަސްވާޑު ވަނީ އޮލިމްޕަސްގެ ޖާގައިގެ ދަތިކަމާއި އެންމެ ތިއޭޓަރެއް ނުވަތަ ސްކްރީނެއް އިންނާތީ ދިމާވާ ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ވަޒީރު ވިދާޅުވީ ދިވެހިން ފިލްމު ބަލަން ދަނީ ރޭގަނޑު 8:30 އާއި 12:00 އާއި ދެމެދު ކަމަށާއި އެ ވަގުތު އެޅުވެނީ އެންމެ ފިލްމެއް ކަމަށެވެ.
މިއީ ޒަމާންވީ މައްސަލައެއް ކަމަށާއި އެކަމަށް މި ސަރުކާރުން ހައްލު ހޯދާނެ ކަމަށް ވެސް އޭނާ ރޭ ވިދާޅުވި އެވެ.
ނަމަވެސް، އޮލިމްޕަސް ބަންދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އަސްވާޑު ވަނީ އޭރުން ޕްރޮޑިއުސަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ފާހަގަކުރައްވާފަ އެވެ.
"އޮލިމަޕްސް އަޅުގަނޑުމެން ޖެހޭނީ ހިޔާލު ދޫކޮށްލަން. އަޅުގަނޑުމެން އަޅަން ޖެހޭނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް. އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އެކަން ކުރުމަށް އަޅުގަނޑުމެން ބޭރުގެ ޕޮޓެންޝަލް އިންވެސްޓަރުންނާއި އަޅުގަނޑުމެންނާ ވާހަކަދެއްކިއްޖެ،" އަސްވާޑު ވިދާޅުވި އެވެ.
މިއީ ރައްޔިތުން ރުއްސަން ދައްކާ ތޯތޯ ވާހަކައެއް ނޫން ކަމަށާއި އެޗްޑީސީ އާއި ވާހަކަދައްކައިގެން ހުޅުމާލެއިން ބިން ހޯދުމަށްފަހު ޒަމާނީ ފެންވަރުގެ ސިނަމާއެއް އަޅާނެ ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ. އިންވެސްޓަރުން ތައްޔާރަށް ތިބިކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އެންމެ މަދުވެގެން ގާތްގަނޑަކަށް ހަތަރު ސްކްރީނުގެ ސިނަމާއެއް އަޅުގަނޑުމެން ގާއިމުކުރާނަން. ހުޅުމާލޭގަ. އޭރުން ހަމަ އެއް ރޭ ހަތަރު އެޅުވޭނެ. އަޅުވައިގެން ތިބޭފުޅުންނަށް ބަލައިލެވޭނެ،" އަސްވާޑު ވިދާޅުވި އެވެ.
ހައްލަކީ އޮލިމްޕަސް އިރުއިރު ކޮޅާ މަރާމާތުކުރުން ނޫން ކަމަށް ވިދާޅުވެ އެތަން "އަތް ނުލާ" ބެހެއްޓުމަށްފަހު، ފިލްމު ބަލާ މީހުންނާއި ޕްރޮޑިއުސަރުންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން އޭނާ ތަކުރާރުކޮށް ދެއްވި އެވެ.
އޮލިމްޕަސް ދޫކޮށްލާ، ހުޅުމާލޭގައި ހަތަރު ސްކްރީނު ހުންނަ ސިނަމާއެއް އަޅަނީ: އަސްވާޑު އޮލިމްޕަސް ދޫކޮށްލާ، ހުޅުމާލޭގައި ހަތަރު ސްކްރީނު ހުންނަ ސިނަމާއެއް އަޅަނީ: އަސްވާޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ