ލަންޑަން (ޖުލައި 3) - މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގެ އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިން ކުޅޭ ބުރުގައި، އިނގިރޭސި އެއް ވަނަ ކުޅުންތެރިޔާ، އެމާ ރަޑުކާނޫ އާއި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލަރޫސްގެ އަރީނާ ސަބަލެންކާ ވާދަކުރަން ޖެހިއްޖެ އެވެ.
މީގެ ކުރިން، 2021 ވަނަ އަހަރު ވިމްބަލްޑަން ކާމިޔާބުކުރި އެމާ އަށް މި ފަހަރުގެ މުބާރާތުގައި ފަށަން ކުުޅުނު މެޗުގައި، އިނގިރޭސި ޒުވާން ކުޅުންތެރިޔާ، މިމީ ޒޫ އަތުން މޮޅުވިއިރު، ތިން ވަނަ ބުރުގަައި ކުޅެން ޖެހުނީ، ކުރިން، 2023 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި، ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންދުރޮސޯވާއާ އެވެ. އެ މެޗުން، އެމާ މޮޅުވީ، 6-3 6-3 އިންނެވެ.
އެމާ، 22، ގެ ކެރިއަރުގައި، ވިމްބަލްޑަންގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެފައިވާއިރު، ހަތަރު ވަނަ ބުރަށް ވަނީ ދެ ފަހަރެއްގެ މަތިން ދަތުރުކޮށްފަ އެވެ.
ވޮންދުރޮސޯވާ އަތުން ހޯދުނު މޮޅާ އެކު، މުބާރާތުގައި ކުރިއަށްދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް އެމާ ވަނީ ބުނެފަ އެވެ. އަަދި، މުބާރާތުގެ ޗެމްޕިއަނެއް އަތުން ކުރިހޯދައި، ކުރިއަށްދާން އަމާޒުހިފާއިރު ދެން ވެސް އޮތީ ޗެލެންޖެއް ކަމަށް އެމާ ފާހަގަކުރި އެވެ.
"ދެން، މި އޮތީ އަރީނާ (ސަބަލެންކާ)އާ ދެކޮޅަށް، އޭނަ އަކީ މި ވަގުތަށް ބަލާއިރު ދުނިޔޭގެ އެއް ވަނަ. އޭނަ އަށް ނުހޯދޭ ކާމިޔާބެއް ނެތް. އެހެންވީމަ، އޭނަ ނުކުންނާނީ ޓުއާ މެޗުތަކާއި މުބާރާތްތަކުގެ ޕްރެޝަރު ހާލަތްތަކަށް ތައްޔާރުވެގެން، މިއީ އަހަންނަށް ވަރަށް ރަނގަޅު މެޗެއް،" އެމާ ބުންޏެވެ.
އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކެއް ފޯމު ދަށްކޮށް ހުރުމަށް ފެހު، އެމާ އަންނަނީ މަޑުމަޑުން ކުރިއެރުން ހޯދަމުންނެވެ. އެ ގޮތުން، މިދިޔަ މުބާރާތްތަކުގައި ހޯދި މޮޅުތަކާ އެކު، އެމާ އަށް ވަނީ ދުނިޔޭގެ ރޭންކިންގެ ގަދަ 40 ގެ ތެރެއިން ފުރުސަތު ލިބިފަ އެވެ.
ސަބަލެންކާ ވަނީ މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން، ކޮލިފައިން ބުރުން އައި ކާސަން ބްރާންސްޓައިން އާއި ދުނިޔޭގެ 48 ވަނައިގައި އޮތް މެރީ ބޫޒްކޯވާ އަތުން މޮޅުވެފަ އެވެ. އެމާއާ ދެކޮޅަށް ސަބަލެންކާ ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ. މި ދެ ކުޅުންތެރިން މިހާތަނަށް ކުޅުނު ހަމައެކަނި މެޗުގައި، ސަބަލެންކާ ވަނީ މިދިޔަ އަހަރު އެމާ އަތުން މޮޅުވެފަ އެވެ.
އެމާ ރަނގަޅު ފޯމެއްގައި ސަބަލެންކާއާ ދެކޮޅަށް އެމާ ރަނގަޅު ފޯމެއްގައި ސަބަލެންކާއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ