ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކޮށް ވައިގެ ތެރޭގައި ޑްރޯންތަކުން ނަން ފަވައިފި އެވެ.
ޖުމުލަ 20 މިނެޓަށް ދިގުދެމިގެންދިޔަ އެ ޑްރޯން ޝޯގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ބައެއް މަންޒަރުތަކާއި ރާއްޖޭގެ ރީތިކަމާ ގުޅޭ މަންޒަރުތަކުގެ އިތުރުން ދިވެހިވަންތަކަން ފެންނަ ބައެއް މަންޒަރުތައް ޑްރޯންތަކުން ވައިގެ ތެރޭގައި ފަވައިލި އެވެ.
އެ ޑްރޯން ޝޯގެ މެދުތެރެއިން ފެނުނު އެންމެ ތަފާތު މަންޒަރަކީ "ޝުކުރިއްޔާ ޑރ. މުހައްމަދު މުއިއްޒު" ޑްރޯންތަކުން ފަވައިލުމެވެ. ޑްރޯން ޝޯގައި މުއިއްޒުއަށް ޝުކުރު އަދާކުރި ނަމަވެސް، އެ ޓާމިނަލަށް ބޭނުންވާ ފައިސާ އާއި މަސައްކަތުގެ ބޮޑުބައި ނިންމީ ކުރީ ދެ ސަރުކާރުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް 357 މިލިއަން ޑޮލަރަށް ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލު ކުރީ ޖުލައި 22، 2016 ގަ އެވެ. 43 މަސްދުވަސް ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެގެން ސޮއި ކުރި އެ މަޝްރޫއުގެ ޕައިލިން މަސައްކަތްތައް ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.
2018 ގައި ވެރިކަން ބަދަލުވިއިރު، އާ ޓާމިނަލްގެ މަސައްކަތް އޮތީ އެއްކޮށް މަޑުޖެހިފަ އެވެ. އާ ޓާމިނަލުގެ މަސައްކަތްތައް އަލުން ފަށަން ނިންމީ ޖޫން 27، 2019 ގަ އެވެ.
އޭގެފަހުން 2022 ގައި އެ މަޝްރޫއުއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެމްޑީޕީ ސަރުކާރުން ނިންމި އެވެ. އެގޮތުން އެއާޕޯޓުގެ ބޭރުގައި ހިރިގަލު ޑިޒައިންގެ އާ ފަސާޑެއް ޖެހުމާއި އެތަނުގެ ވައިދައުރުވާ ނިޒާމާއި އެއާ ކޮންޑިޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އޭޕްރިލް 24، 2022 ގައި ހަވާލުކުރި އެވެ.
އެމްޑީޕީގެ ސަރުކާރު ނިމި މި ސަރުކާރާ ވެރިކަން ހަވާލުވިއިރު، އާ ޓާމިނަލުގެ ބެގެޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ވެސް އޮތީ ހަވާލުކޮށްފަ އެވެ.
ޑްރޯން ޝޯގައި މުއިއްޒުއަށް ޝުކުރު އަދާކޮށް ވައިގެ ތެރޭގައި އެ އިބާރާތް ފަވައިލި ނަމަވެސް، އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު އާއި ޔާމީންއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މުއިއްޒު ވިދާޅުވީ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ފެށިގެން އައީ ޔާމީނުގެ ދައުރުގައި ކަމަށްވާތީ އެމަނިކުފާނަށް އަދި ސޯލިހުގެ ދައުރުގައި ވެސް މަސައްކަތްތައް ކުރިއަށް ގޮސްފައިވާތީ އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވީއައިއޭގެ މަސައްކަތަކީ ގާތްގަނޑަކަށް 10 އަހަރުގެ މަސައްކަތަކަށްވާތީ، ވަރަށް ގިނަ ބަޔަކަށް އެކަމުގެ ޝުކުރު ހައްގުވާ ކަމަށާއި އެކަމުގައި ކުރީ ދެ ސަރުކާރުގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ.
ޔާމީނާއި ސޯލިހުގެ ސަރުކާރުން ބޮޑުބައި ނިންމި އާ ޓާމިނަލްގެ ޝުކުރު މުއިއްޒަށް! ޔާމީނާއި ސޯލިހުގެ ސަރުކާރުން ބޮޑުބައި ނިންމި އާ ޓާމިނަލްގެ ޝުކުރު މުއިއްޒަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ