މިއީ ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދުގެ ލިޔުއްވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދައުރުތަކެއްގައި ކުރައްވައި، އެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވި އެވެ. މިހާރު އަމަލުކުރާ ގާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރަކަށް އޭނާ ހުންނެވި އެވެ. މިހާރު އޭނާއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް އެވެ.
---
މިނިވަންކަމުގެ ފޮނި މީރުކަމަކީ ގައުމެއް ދިރި ދެމިއޮތްހާ ހިނދަކު އެ ގައުމަކަށް ހާސިލް ކުރެވޭނެ އެންމެ ބޮޑު އެއް ނިއުމަތްކަމާމެދު ޝައްކެއް ނެތެވެ. މިނިވަންކަން ހޯދުމަށް އެކި ގައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި, ވެފައިވާ ގުރުބާނީތައް ވަރަށް ބޮޑުތަނުން ތަފާތެވެ. އެހެން ނަމަވެސް ގަބޫލުކުރާންޖެހޭ އެއް ހަގީގަތަކީ ކިތަންމެ ބޮޑު ގުރުބާނީއަކުން މިނިވަންކަން ހާސިލު ކުރެވުނު ކަމުގައިވި ނަމަވެސް, މިނިވަންކަން ހޯދުމަށް ވީ ގުރުބާނީއަށްވުރެ ބޮޑު ގުރުބާނީއެއް މިނިވަންކަން ދެމެހެއްޓުމަށް ވާން ޖެހޭކަމެވެ.
އެއީ އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ގައުމު ވާރުތަ ކޮށްދިނުމަށް ދިރިތިބީން ވާންޖެހޭ ގުރުބާނީއެވެ. ގައުމަކަށް ނިސްބަތްވީތީ އަދާކޮށްދޭން ޖެހޭ ގައުމީ ވާޖިބެވެ. އެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށްޓަކައި އަބަދުވެސް ކުރާންޖެހިފައި އޮންނަ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަވާން އޮންނަނީ މާޒީވެދިޔަ ތަނުން އިބުރަތް ހާސިލު ކުރުމުވެ. މިނިވަންކަމުގެ އަބުޠާލުން މިނިވަންކަމަށްޓަކައި ވީ ގުރުބާނީއިން އިބުރަތް ހާސިލް ކުރުމެވެ. އެ ބަތޮލުންގެ މިނިވަންކަމުގެ ދަތުރާއި އެދަތުރުގައި ގިރާކުރި ހުރަސްތަކާއި, ވިސްނި ވިސްނުމާއި, ނިންމި ނިންމުންތަކުގެ ވާހަކަތައް އަދުގެ ދަރީންނަށް ދަސްކޮށްދިނުމެވެ. އެވާހަކަތައް އަންނާން އޮތް ޖީލުތަކަށް އަޑުއިވޭނެފަދައިން ހިމާޔަތްކޮށް އަރުޝީފު ކުރުމެވެ. ޒިކްރާ ތަކުރާރުކުރަމުން ގެންދިޔުމެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރު, އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބުރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު އިސްވެ ހުންނަވައި ސިލޯނުގައި ކުރިޔަށް ގެންދެވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން, އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުގެ ދަށގައި 77 އަހަރު އޮތުމަށްފަހު, ރާއްޖެއަށް އަލުން މިނިވަންކަން ލިބުނު އެގްރިމެންޓްގައި ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބުރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުއާއި އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކާ ސޮއި ކުރެއްވި ހިސާބުންނެވެ. މިއަދު މި ފާހަގަކުރަނީ އެ މުނާސަބަތަށް, އާދެ! ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ފަހުރުވެރި ދުވަހެވެ.
މިނިވަންކަމަށް 60 އަހަރު ފުރުމަކީ ކުޑަ މުނާސަބަތެއް ނޫނެވެ. ސަބަބަކީ, މިނިވަންކަމުގެ 60 އަހަރުގެ ދިގު ތާރީހުގައި ދިވެހިރައްޔިތުން ކޮށްފައިވާ މި ދަތުރުގައި އެކި ފަހަރުމަތިން މި މިނިވަންކަމަށް ލޮޅުން އެރުވުމަށް އެކި ބީދައިން އެކި ފަރާތްތަކުން މަސައްކަތް ކޮށްފައިވުމެވެ. އެތެރެއާއި ބޭރުންނެވެ. އަސްކަރީ ބާރުގެ ބޭނުން ކޮށްގެންނާއި އިގުތިސާދީ ވަސީލަތްތަކުގެ ބޭނުން ކޮށްގެންނެވެ. ބޭރުގެ އެކި ބާވަތް ބާވަތުގެ ނުފޫޒުންވެސްމެއެވެ. އެއީ މި ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވީތީ މިރާއްޖެ ފަސޭހަކަމާއެކު އަޅުވެތި ކުރެވިދާނެކަމުގެ އުއްމީދާއި ކުށްހީގައި ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތަކީ މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރައްޔިތުން ކުރި ދަތުރުގެ ހަގީގީ ކާމިޔާބީއަކީ އެ މިނިވަންކަން ހިމާޔަތްކުރުމަށް އެތެރެއާއި ބޭރުން ކުރި ބުރަ މަސައްކަތްތަކުގައި މިރާއްޖެ ތަމްސީލުކޮށްދީފައިވާ އެންމެ ބޮޑު އެއް ހަގީގަތެވެ.
މި ރާއްޖެއަކީ ހަގީގަތުގައިވެސް ކުޑަ ގައުމެއް ނޫންކަމެވެ. ދިވެހިރާއްޖެއަކީ ބަސް ބުނުމުގައި ވަރުގަދަ, އަޒުމުގައި ސާބިތު, ހުރިހާ މައިދާނެއްގައިވެސް އިސްނަގާ ގައުމެއްކަން ފާއިތުވި މުއްދަތުގައި ވަނީ ވަރަށް ފުރިހަމަޔަށް ސާބިތު ކޮށްދީފައެވެ. މިނިވަންކަމުގެ 60 އަހަރުގެ ދިގު ދަތުރުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރި މުހިންމު ދައުރު ވެގެން ގޮސްފައިވަނީ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި މަސައްކަތަތެއް ކަމުގައެވެ.
މީގެ 60 އަހަރު ކުރިން، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު, އޭގެ 1 މަހާއި 24 ދުވަސްފަހުން, 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު, ދިވެހިރާއްޖެއަށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ.) ގެ މެމްބަރުކަން ލިބުނެވެ. ދިވެހިރާއްޖެއަށް އދ.ގެ މެމްބަރުކަން ދިނުމާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި އޭރު ކުރެވިގެންދިޔަ ބަހުސްގައި ދިވެހިރާއްޖެ ފަދަ ވަރަށް ކުދި ގައުމުތަކަށް އދ.ގެ މެމްބަރުކަން ދީގެން އެ ޖަމިއްޔާގެ މުހިންމު މަގުސަދުތައް ހާސިލްކުރުމަށް އެފަދަ ގައުމުތަކަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ ބައެއް މެމްބަރު ގައުމުތަކުން ސުވާލު އުފައްދާފައި ވެއެވެ. އެގޮތުން އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ މުހިންމު ޒިންމާތައް އަދާކުރުމުގައި ރާއްޖެފަދަ ކުދި ގައުމުތަކަށް ލިބިފައިވާ ގާބިލުކަމާމެދު އެގައުމުތަކުން އޭރު ސުވާލު އުފައްދާފައި ވެއެވެ. އެހެން ނަމަވެސް, ދިވެހިރާއްޖެއަށް އދ.ގެ މެމްބަރުކަން ދިނުމަށް އެޖަމިއްޔާގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވަނީ ފުރިހަމަ އަގުލަބިއްޔަތަކުން ކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
އދ.ގެ މެންބަރެއްގެ ގޮތުގައި ފާއިތުވެދިޔަ 60 އަހަރެއްހާ ދުވަހު, ދިވެހިރާއްޖެއިންވަނީ ރާއްޖެފަދަ ކުޑަ ގައުމެއްގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ކުދި ގައުމުތަކުން އަދާކުރާންޖެހޭ ދައުރުގެ މުހިންމުކަން ވަރަށް ފުރިހަމަޔަށް ތަމްސީލު ކޮށްފައެވެ. އެއީ ރާއްޖޭއަކީ އަމިއްލައަށް ބަސް ބުނުމުގެ ގާބިލްކަން ލިބިފައިވާ, ބައިނަލްއަގުވާމީ ނާޒުކު އެތައް މައްސަލައެއްގައި ކެރިގެން ބަސްބުނާ, އިސްނަގާ, ބައިނަލްއަގުވާމީ ހަމަޔާއި އުސޫލު ގަބޫލުކުރާ މިނިވަން ދައުލަތެއްގެ އިހުސާސް ދުނިޔެއަށް ކޮށްދީގެންނެވެ.
އެގޮތުން, 1988 ވަނަ އަހަރު ސްރީލަންކާގެ ތަމަޅައިންގެ ބަޔަކު ދިވެހިރާއްޖެ އަޅުވެތި ކުރުމަށް ހިންގި އުދުވާނަށްފަހު, އޭރު ބައިނަލްއަގުވާމީ މަސްރަހަށް އަންނަމުންދިޔަ ބަދަލުތަކާއެކު, ރާއްޖެފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލާއި ގޮންޖެހުން ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް ގެނައުމަށް ދިވެހިރާއްޖެއިންވަނީ ބައިނަލްއަގުވާމީ މައިދާނުގައި އިސްނަގާ ވަކާލާތު ކޮށްފައެވެ.
އެގޮތުން ކުދި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހުއްޓުމަށް އދ.އިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވަކާލާތުކޮށް, 1989 ވަނަ އަހަރު ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި "ޕްރޮޓެކްޝަން އެންޑް ސެކިއުރިޓީ އޮފް ސްމޯލް ސްޓޭޓްސް" ގަރާރު އެ މަޖިލީހުގެ އިއްތިފާގުން ފާސްވެގެން ދިޔުންވީ، އެ ގަރާރުގެ މަސައްކަތުގެ ބައިވެރިވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. މި ގަރާރުގައި ގޮވާލާފައިވަނީ ދުނިޔޭގެ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި, ކުދި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހުއްޓުމަށް އދ.އިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. 1991 ވަނަ އަހަރުއާއި 1994 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން ވަނީ މި ގަރާރު އާކޮށްފައެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިންވަނީ ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަގުވާމީ މައިދާނުގައި ގަދަ ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކޮށްފައެވެ. 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވި "ސްމޯލް ސްޓޭޓް ކޮންފަރެންސް އޮން ސީ ލެވަލް ރައިޒް"އަށްފަހު އެލަޔަންސް އޮފް ސްމޯލް ސްޓޭޓްސް (އޭއޯސިސް) އުފެއްދުމުގައި އިސްނެގީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެއިން ވަނީ މި އެލަޔަންސްގެ ރިޔާސަތު 2015 އިން 2018 އަށް ބަލަހައްޓާފައެވެ.
ހަމަ އެއާއެކު، ތިމާވެށީގެ މައްސަލަތަކަކީ އިންސާނީ ހައްގުގެ ނަޒަރިއްޔާތުން ދެކޭންޖެހޭ މައްސަލަތަކެއްކަން ބައިނަލްއަގުވާމީ ގޮތުން ބަލައިތުމަށް އެންމެ ފުރަތަމަ ނިންމިގެން ދިޔައީ ދިވެހިރާއްޖެއިން އިސްނަގައިގެން 2007 ވަނަ އަހަރުގެ ނޮވެމްބަރުމަހު 13 އިން 14 އަށް މާލޭގައި ބޭއްވުނު ތަރައްގީވަމުން އަންނަ ގައުމުތަކުގެ މަހާސިންތާއިން ފާސްކުރި "މާލޭ ޑިކްލަރޭޝަން" އިންނެވެ. އަދި އެޑެކްލަރޭޝަންގައިވާ ގޮތަށް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނަށް ރާއްޖޭގެ ފަރާތުން މި ޑެކްލަރޭޝަން ހުށަހެޅުމުގެ ޝަރަފު އަޅުގަނޑަށް ލިބުނުކަން ހަނދާންކުރަމެވެ.
އެއަށްފަހު, 2009 ވަނަ އަހަރު އދ.އިން ފާސްކުރި “ދަ ހިއުމަން ރައިޓްސް އެންޑް ކްލައިމެޓް ޗޭންޖް" ގަރާރުގެ ލީޑް ސްޕޮންސަރެއްގެ ގޮތުން, ރައްކާތެރި, ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއްގެ ގޮތުގައި އދ.އިން ރަސްމީކޮށް ބަލައިގަތުމަށް އެންމެ ބޮޑަށް އަޑު އުފުލި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެން ދިޔައެވެ. މިއީ ބައިނަލްއަގުވާމީ މަސްރަހުގައި ބަސްވިކޭ މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް ފާއިތުވެދިޔަ ސަރުކާރުތަކުގައި ކޮށްފައިވާ މަސައްކަތަކާއި އަދާކޮށްފައިވާ ދައުރު ވަރަށް ފުރިހަމައް ރަމްޒު ކޮށްދިން މުހިންމު ނިންމުމެއްކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި, ބައިނަލްއަގުވާމީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު, ދިވެހިރާއްޖެފަދަ ވަސީލަތްތައް މަދު, އާބާދީގެ ގޮތުން ކުޑަ ގައުމަކަށް މިނިވަންކަން ދެމެހެއްޓުމުގައި ޑިޕްލޮމަސީގެ ދައުރު އަބަދުވެސް އޮންނަނީ ވަރަށް މުހިންމު ވެފައެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ, ދިވެހިރާއްޖޭގެ "ފަސްޓް ލައިން އޮފް ޑިފެންސް" އަކީ ދިވެހި ހާރިޖިއްޔާ ކަމުގައި ދެންނެވިދާނެއެވެ. އެގޮތުން ދިވެހިރާޖޭގެ ހާރިޖިއްޔާއިން, ގައުމުގެ މިނިވަންކަމާއި ސިލްމާއި ސަލާމަތު ދެމެހެއްޓުމަށް އަދާކޮށްފައިވާ މުހިންމު ދައުރު އަބަދުވެސް ބިނާވެފައި އޮތީ ބައިނަލްއަގުވާމީ ހަމަތައް ހިފެހެއްޓުމަށް ތާއީދު ކުރުމާއި, އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް, ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ އުސޫލުތައް ބަލައިގަންނަ ގައުމެއްކަން މުޅި ދުނިޔެއަށް ތަމްސީލު ކޮށްދިނުމުގެ މައްޗަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމުގެ ފާއިތުވި 60 އަހަރުގެ ދިގު ތާރީހުގައި ދިވެހިރާއްޖެއިން ވަނީ 3 ފަހަރެއްގެމަތިން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން އަދާކޮށްފައެވެ. އަދި 2013 ވަނަ އަހަރު ރާއްޖެއިން އެކައުންސިލްގެ ނާއިބު ރައީސްކަންވެސް އަދާކޮށްފައި ވެއެވެ. ކުޑަ ގައުމަކަށް ވިނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ބަސްބުނުމުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ހައިސިއްޔަތު ކުޑަ ނޫންކަން, މިކައުންސިލަށް އެއްފަހަރަށްވުރެ ގިނަފަހަރުމަތިން ރާއްޖެ އިންތިހުބު ވެގެންދިއުމުން މުޅި ދުނިޔެއަށް ތަމްސީލުވެގެން ދިޔަކަން މިއީ މިނިވަންކަމުގެ 60 ފާހަގަ ކުރަމުންދާއިރު ފާހަގަކޮށްލާންޖެހޭ މުހިންމު ކާމިޔާބީއެއްކަމުގައި އަޅުގަޑު ގަބޫލު ކުރަމެވެ.
އޭގެ އިތުރުން, އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ "އިންޑެޕެންޑެންޓް އެކްސްޕާޓް އޮން ހިއުމަން ރައިޓްސް އެންޑް އެންވަޔަރމަންޓް"އެއް އެންމެ ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖެ ހިމެނޭގޮތުން ކޮސްޓަރިކާ, ސްލޮވޭނިއާ އަދި ނިއުޒިލޭންޑުން އިސްނަގައިގެންނެވެ. މ އިންޑިޕެންޑެންޓް އެކްސްޕާރޓްގެ މަސައްކަތުގެ ތެރޭގައި އދ.ގެ ނިޒާމުގެ ތެރޭގައި، ތިމާވެއްޓަށް އަންނަ ހީނަރުކަމާއި މޫސުމީ ގޮތުން ކުރިމަތިވާ ނުރައްކާތަކަކީ އިންސާނީ ހައްގުތަކަށްވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ރަސްމީގޮތުން ބަލައިގެންފައި ވެއެވެ. އަދި މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން, ސާފު, ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއްގައި ދިރިއުޅުމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ހައްގެއްކަން ރަސްމީ ގޮތުން ބަލައިގަތުމުގެ ތާރީހީ ނިންމުން 2021 ވަނަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުންނާއި އދ.ގެ އާންމު މަޖިލީހުން ނިންމާފައި ވެއެވެ. އދ.ގެ އާއްމު މަޖިލިސްއިން މި ނިންމުން ނިންމިއިރު، އެމަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓުމުގެ ޝަރަފު އަޅުގަނޑަށް ލިބުނެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި, މިނިވަންކަމުގެ 60 އަހަރުގެ ތާރީހުގައި, ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓައި ހިމާޔަތް ކުރުމުގައި ޑިޕްލޮމަސީގެ ދައުރު އެންމެ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް, 193 ގައުމު އެކުލެވޭ އާންމު މަޖިލިހުގެ 143 ގައުމުގެ ބޮޑު އަގުލަބިއްޔަތަކުން ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތަކު އިންތިހާބު ވެގެން ދިޔަ ދިއުމުންނެވެ. ދިވެހިރާއްޖެ ވެގެން ދިޔައީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި 6 ވަނަ ގައުމު ކަމުގައެވެ.
ޝާހިދު. އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި.
އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އެއް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމަށްފަހު މަގާމުން ދުރަށް ދަމުން ދިވެހި ހާރިޖީ ޓީމަށް އަޅުގަނޑު ދެންނެވި އެއް ވާހަކައެއް މިވަގުތު ހަނދާނަށް ގެންނާނަމެވެ. އެއީ 'ކުރެވިއްޖެ' މި ބަހެވެ. އަޅުގަނޑު މޭރުން ކުރީ, ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށްވި ނަމަވެސް, ބައިނަލްއަގުވާމީ މައިދާނުގައި ބަސް ބުނުމާއި, މަސްއޫލިއްޔަތު އަދާކުރުމާއި އަދި ހައްގަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ "ކުޑަ" ނޫން ކަމެވެ. ދިވެހިރާއްޖެ ފަހަތަށް ނުޖެހޭނެކަމެވެ. ދިވެހިރާއްޖޭގެ ގައުމީ ދިދަ ހުރިހާ މައިދާނެއްގައިވެސް އަބަދުވެސް މިނިވަންކަމާއެކު ވިހުރެމުންދާނެ ކަމެވެ.
ފަސްދޮޅަސް އަހަރުގެ މިނިވަންކަން އިހްތިފާލްކުރަމުންދާއިރު، މިނިވަންކަން ދެމެހެއްޓުމަށްޓަކައި ހާރިޖީ ސިޔާސަތުގެ ދައުރުގެ މުހިއްމުކަން ގަބޫލުކުރަން ޖެހެއެވެ. ގައުމުތަކާއެކު ބާއްވާ ގުޅުންތަކަކީ ހަމައެކަނި ވަގުތީ ސިޔާސީ ފައިދާއެއްގެ ބޭނުމުގައި ބާއްވާ ގުޅުމެއްކަމުގައި ވެއްޖެނަމަ، މިނިވަންކަމަށް އަތުވެދާނެ ލޮޅުމެއް އޮވެދާނެކަން ގަބޫލުކުރަން ޖެހެއެވެ.
މިނިވަން ހާރިޖީ ސިޔާސަތެއް ބިނާވާން ޖެހޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް އިހުތިރާމްކޮށް، ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރާ ސިޔާސަތަކުގެ މަތީގައެވެ.
އަބްދުﷲ ޝާހިދުގެ ގަލަމުން: މިނިވަންކަމުގެ 60 އަހަރުގައި ހާރިޖީ ސިޔާސަތުގެ ދައުރު އަބްދުﷲ ޝާހިދުގެ ގަލަމުން: މިނިވަންކަމުގެ 60 އަހަރުގައި ހާރިޖީ ސިޔާސަތުގެ ދައުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ