މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ހަތަރު މިލިއަން ހަތަރު ސަތޭކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޞީހް ވިދާޅުވީ، މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4,437,257.87 ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށެވެ. މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 އިންސައްތައިގެ އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިސާ ނަގައިދީފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަދައްކައި އެއްބަސްވެ، އަދި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފަޞީހް ވިދާޅުވިއެވެ. މީގެ އިތުރުން، ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައްސަލަތަކުގެ ތަފާސްހިސާބު
ފަޞީހް ހާމަކުރެއްވި ގޮތުގައި މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2,217 މައްސަލައެއް ހުށަހެޅިފައިވާއިރު، މިހާތަނަށް 2,327 މައްސަލަ ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބުރިޖު އަދި ހައިވޭގައި ހިނގި އެކްސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 އެވެ.
މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ފަޞީހް ވިދާޅުވީ، ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ލައިޓް ގާއިމުކުރެވިފައިވާ ސަރަހައްދުތަކުގައި ލައިޓް މެނޫވަލްކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ 20 ސްކޫލެއްގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކުރެއެވެ. މި މަސައްކަތުގެ ތެރެއިން މަގަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ފަޞީހް ވިދާޅުވިއެވެ.
އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ނަގައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ