ހަރުދަނާ ކަމެއް ނެތް ސިޔާސީ ޕާޓީތަކަކުން ވާނެ އެއްވެސް ފައިދާއެއް ނެތް!

ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގައި ވެސް ސިޔާސީ ޕާޓީތަކަކީ ދައުލަތް ހިންގުމާއި، ރައްޔިތުންގެ އަޑު އުފުލުމުގެ އެންމެ މުހިންމު އެއް ތަނބެވެ. ނަމަވެސް، މި ޕާޓީތަކަކީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ބިނާވެފައިވާ، ޒިންމާދާރު ބައެއް ކަމުގައި ނުވާނަމަ، އޭގެ ސަބަބުން ގައުމަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ޚާއްޞަކޮށް މާލީ ކަންކަމުގައި ދެފުށް ފެންނަ، ޒިންމާދާރު ނިޒާމެއް ނެތް ނަމަ، އެއީ ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ ފޭރާމަށް ލިބޭ ބޮޑު ގެއްލުމެކެވެ.
ދެބަސްވެވެން ނެތް ހަގީގަތަކީ ސިޔާސީ ޕާޓީތަކުގެ ހަރުދަނާކަން ވަޒަންކުރެވޭ އެންމެ މުހިންމު އެއް މިންގަނޑަކީ އެ ޕާޓީއެއްގެ މާލީ ކަންކަން ބަލަހައްޓާ ގޮތެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ފަށާފައިވާ އައު އުސޫލު އެކުލަވާލުމުގެ މަސައްކަތަކީ މި ދާއިރާއިން އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ޕާޓީތަކުގެ މާލީ ކަންކަން އެއް ހަމައެއްގައި ބެލެހެއްޓުމަކީ ކޮރަޕްޝަނާއި ނޭދެވޭ ނުފޫޒުތަކުން ސިޔާސީ މަސްރަހު ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި އަދި މިއަދު ކުރަން ޖެހިފައިވާ ކަމެކެވެ.
ރާއްޖޭގައި އަމަލު ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އަހަރީ މާލީ ބަޔާން އޮޑިޓްކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މިއީ ހަމައެކަނި ގާނޫނީ އިލްތިޒާމެއް ނޫނެވެ. މިއީ ޕާޓީއަށް ލިބޭ ފައިސާއާއި، ޚަރަދުކުރާ ގޮތް ރައްޔިތުންނަށް ހާމަކޮށްދޭނެ މަގެކެވެ. މިފަދަ ބަޔާންތަކުގައި މައްސަލަ ހުންނަ ހާލަތްތަކުގައި، ޕާޓީތަކާއި އޭގެ އިސްވެރިން ޖޫރިމާނާކުރުމަކީ ޒިންމާދާރުކަން އިތުރުކުރުމަށް އެޅޭ ބާރެކެވެ. ސަބަބަކީ މީގެކުރިން ރާއްޖޭގައި ހަރަކާތްތެރިވި ބައެއް ސިޔާސީ ޕާޓީތައް އުވާލިއުރު ގެއްލުން ލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލު ލިބިފައި ނުވުމެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ފައިސާ ލިބޭ ޕާޓީތަކުން، ރައްޔިތުންގެ ޓެކްސް ފައިސާއަށް ޒިންމާދާރުވާންޖެހޭ މިންވަރު އިންތިހާއަށް ބޮޑު ކަމެވެ. ރައްޔިތުންގެ ފައިސާ ޚަރަދުކުރެވެނީ ގައުމީ މަސްލަހަތު ހުރި، ޕާޓީގެ މަގުސަދުތައް ހާސިލުވާނެ ކަންކަމަށްތޯ ކަށަވަރުކުރަންޖެހެއެވެ. ހަރުދަނާ ކަމެއް ނެތި، ހިތުހުރި ގޮތަކަށް ފައިސާ ބޭނުންކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލި، ސިޔާސީ ނިޒާމަށް އޮންނަ ގަދަރު ކުޑަވާނެ ކަމެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން އެކުލަވާލާ އައު އުސޫލަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ އުންމީދީ މަސައްކަތެކެވެ. މިފަދަ ނިޒާމެއްގެ ތެރެއިން، ޕާޓީތަކަށް ލިބޭ އެހީތަކާއި ޗަންދާތަކުގެ މަސްދަރުތައް އެނގެން އޮތުމަކީ، ވަކިވަކި ފަރުދުން ނުވަތަ ވިޔަފާރިތަކުގެ ނުފޫޒުން ސިޔާސީ ނިންމުންތައް މިނިވަންކުރުމަށް ލިބޭ ބާރެކެވެ.
އަޅުގަނޑުގެ ޙިޔާލުގައި ސިޔާސީ ޕާޓީތަކަކީ ހަމައެކަނި އިންތިޚާބުތަކުގައި ވާދަކުރާ ބައެއްގެ ގޮތުގައި އޮވެގެން ނުވާނެއެވެ. އެއީ މާލީ ގޮތުންނާއި އިދާރީ ގޮތުން ހަރުދަނާ، ޒިންމާދާރު މުއައްސަސާތަކަކަށް ވާންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތްތަކާއެކު، ޕާޓީތަކުގެ ހަރުދަނާކަން އިތުރުވެ، އޭގެ ހަގީގީ ފައިދާ ދިވެހި ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. ހަރުދަނާ ކަމެއް ނެތް ހިންގުންތެރި ކަމެއް ނެތް ސިޔާސީ ޕާޓީތަކަކުން ގައުމާއި ރައްޔިތުންނަށް ލިބޭނެ ހަމަ އެއްވެސް ފައިދާއެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ