ވެރިކަން ލިބިއްޖެނަމަ، ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތެއް ނުގެންގުޅޭނަން: ގާސިމް

ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުތައް ނުގެންގުޅުއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރު އަރައި، އަވައްޓެރި ގައުމެއްގެ ދަށުވެ ރައްޔިތުން އަޅުވެތިވަމުންދާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނާއި އެހެނިހެން ބައެއް ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމު ބައެއް ފަރާތްތަކުންވެސްވަނީ އެކި ފުރުސަތުތަކުގައި ފާހަގަކޮށްފައެވެ. އިދިކޮޅުންވަނީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އިންތިހާއަށް ގަދަވެފައިވާކަމަށް ބުނެ އަޑުއުފުލާ އިހުތިޖާޖުވެސް ކޮށްފައެވެ.
އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުންވަނީ އަވައްޓެރި ގައުމުތަކާއި އޮންނަ ގުޅުން ހީނަރުވާފަދަ އަމަލުތަކެއް ނުހިންގޭނެކަމަށް ފާހަގަކުރައްވާ ގަރާރެއް ނެރުއްވާ އިދިކޮޅު ކޯލިނަނުން ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުމަކަށް ގެނެސްފައެވެ.
ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތުތަކުގެ ދަށުން އިންޑީއާގެ ސިފައިން ރާއްޖޭގައި ބަހައްޓަވާފައިވާކަމަށް އިދިކޮޅުން ތަކުރާރުކުރައްވަމުންދާއިރު، ގާސިމް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ބައްޓަންކުރައްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ސިޔާސަތުތައް ކަމަށެވެ. އަދި އެކަން އޭނާ ފާހަގަކުރައްވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
Alhugaduge verikamehgai dhivehi rajjeyge khaarijee siyaasathakah hadhaanee kureege Raees Ibrahim Nasir aa Raees Maumoon ves gengulhuhvi khaarijee siyaa sathu kamugai dhannavan .
— Qasim Ibrahim (@qasimibrahim) April 17, 2023
ރައީސް ސާލިހު ގެންގުޅުއްވާ ފަދަ ހާރިޖީ ސިޔާސަތެއް ނުގެންގުޅުއްވާނެކަން ގާސިމް ހާމަކުރެއްވިއިރު، ރައީސް ސާލިހު ފޮނުއްވެވި ކޯލިޝަންގެ ދައުވަތު ބަލައިނުގަތުމުގެ ސަބަބުން އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުންވަނީ ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދިނުމަށް ގޮވާލާފައެވެ. އަދި ބައެއް ފަރާތްތަކުންވަނީ ޖޭޕީ ދޫކުރައްވާ ސަރުކާރާއިއެކު މަސައްކަތްކުރެއްވުމަށް ނިންމަވައި ޖޭޕީެއަށް ރަސްމީގޮތުން ސިޓީވެސް ހުށައަޅާފައިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ