މިސްކިތްތަކުގެ ކަރަންޓް ބޮޑުވާތީ އޭސީ ނިއްވަން އަންގައިފި!

ކަރަންޓް ބިލް ބޮޑުވާތީ މިސްކިތްތަކުގެ އޭސީ ޖެއްސުމުގައި ސަމާލުވާން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އޭސީ ކޮށްފައިވާ މިސްކިތްތަކަށް އަންގާފައި ވަނީ ކަރަންޓް ބިލް ބޮޑުވާތީ އޭސީ ޖައްސާފައި ހުންނަ ވަގުތުތައް މަދުކުރުމަށެވެ. އެގޮތުން ނަމާދު ވަގުތަކުގެ 15 މިނިޓް ކުރިން އޭސީ ޖެއްސުމަށް ފަހު، ނަމާދުކޮށް ނިމޭތާ 15 މިނިޓް ފަހުން އޭސީ ނިއްވާފައި ބަހައްޓަން އަންގާފައިވެ އެވެ.
މިގޮތަށް ކައުންސިލުން އެންގި އިރު، އައްޑޫގެ ބައެއް މިސްކިތްތަކުގެ އިސްކުރުތަކުން ބައެއް މީހުން ގިނަ އަދަދަކަށް ފެން ނަގާތީ މިސްކިތްތަކުގެ އިސްކުރުތަކުން ފެން ނުނަގަން އަންގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މިސްކިތްތަކުގައި ނޯޓިސް ވެސް ޖެހި އެވެ.
މިސްކިތްތަކުގެ ކަރަންޓް ބިކް ބޮޑުވާތީ އޭސީ ޖައްސާ ވަގުތު މަދުކުރަން އެންގި އިރު، އައްޑޫގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށް އަދި އަމިއްލަ ފަރާތްތަކުން މިސްކިތްތަކުގެ ބެލެހެއްޓުމާ ގުޅޭ ގިނަ ކަންކަން ކުރަމުން އަންނަ މިސްކިތްތަކެވެ. ނަމަވެސް މިސްކިތްތަކުގެ ކަރަންޓް ބިލްތައް ބޮޑުވާތީ އޭސީ ގިނަގިނައިން ޖައްސައި ނިއްވަން ޖެހޭ އުސޫލަކަށް އަމަލުކުރަން އެންގުމުން މިސްކިތްތައް ބަލަހައްޓާ ބައެއް ފަރާތްތަކުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނީ ކައުންސިލުން މިހާރު އެންގި ގޮތަށް އަމަލުކުރަން ވެއްޖެ ނަމަ އޭސީތައް އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރަށް އޭސީކޮށްފައި ހުންނަ ގިނަ މިސްކިތްތަކުގައި ކާޕެޓް އަޅާފައި އޮތުމުން އޭސީ ގިނަގިނައިން ނިއްވައި ޖައްސަން ހަދަންވެއްޖެ ކާޕެޓުން ނުބައި ވަސް ދުވައި އެކަމުގެ އުނދަގޫ މިސްކިތްތަކަށް އަރާ މީހުންނަށް ކުރިމަތިވާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އޭސީކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
މިސްކިތްތަކުގެ ކަރަންޓް ބިލް ބޮޑުވާތީ ސަރުކާރުން "ކަންބޮޑުވާ އިރު" އެނގިފައިވާ ގޮތުގައި މިސްކިތްތަކުގެ ކަރަންޓް ބިލަށް ޗާޖްކުރަނީ ވިޔަފާރިތަކަށް ޗާޖްކުރާ ރޭޓްތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ