މޫސުން ތަންދޭނަމަ މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ: މޭޔަރު މުޢިއްޒު

މޫސުން ތަންދޭނަމަ މިއަހަރު ނިމުމުގެކުރިން 3000 މަގުބައްތި ހަރުކޮށް ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ ސަންގު ޓިވީގެ ޕްރޮގްރާމްގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ދެއްކެވި ވާހަކައިގައެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ހަދިޔާކުރެއްވި 3000 ޒަމާނީ މަގުބައްތިތައް މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މިހާތަނަށް 17 ބައްތި ހަރުކުރެވިފައިވާކަމަށާއި، އަދި މޫސުން ތަންދޭނަމަ މި އަހަރު ނިމުމުގެކުރިން ހުރިހާ މަގުބައްތިތައް ހަރުކޮށް ނިމޭނެ ކަމަށެވެ.
މަގު ބައްތިތައް ހަރުކުރުމުގައި މާލޭގެ ރިންގްރޯޑާއި، އެންމެފަހުން މާލޭގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ މަގުތައް ފިޔަވައި ބާކީ ހުރި ހުރިހާ މަގުތަކުގައިވާ ބައްތިތައްވެސް ބަދަލުކުރެވޭނެ ކަމުގައިެސް މޭޔަރު ވިދާޅުވިއެވެ.
އަދި މި މަސައްކަތުގެ ސަބަބުން މާލެ އަދި ވިލިމާލޭގެ އަނދިރި މަގުތަކަށް އިތުރު އަލިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަންޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަމާޒަށް ވާސިލްވުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވެފައެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި (ޒަމާނީ ލެޑް ލައިޓް) ހަދިޔާކޮށްފައިވަނީ އާދިއްތަ ދުވަހު ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިންގއެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ