ތިން ލައްކައަށްވުރެ ގިނަ ކަރަންޓް ކާރު އުފައްދައިގެން ޓެސްލާއިން އާ ރެކޯޑެއް ގާއިމްކޮށްފި

ޓެސްލާއިން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 343،830 ކަރަންޓް ކާރު އުފައްދައިގެން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ. ކޮވިޑާ ގުޅިގެން ކުރިމަތިވި ހުރަސްތައް ގިރާ ކުރުމަށް ފަހު ލިބުނު ކުރުމުއްދަތުގައި، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެސްލާއިންވަނީ އެމީހުންގެ އުފެއްދުންތަކާއި، ޑެލިވަރީތައް ވަރަށް ބޮޑަށް ކުރިއަށް ޖައްސާފައެވެ. މިދިޔަ މަހުގެ 30ގައި މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު، ޓެސްލާއިން ވަނީ 365،923 އުޅަނދު އުފައްދާފައެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ޓެސްލާއިން އުފެއްދި 237،823 ޔުނިޓާ އަޅާބަލާއިރު 54 ޕަސެންޓް އިތުރު އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި ޓެސްލާގެ ޑެލިވަރީވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 241،300 ކާރު ޑެލިވާކުރި އިރު މިއަހަރުގެ އެ މުއްދަތުގައި ވަނީ 343،830 ކާރު ޑެލިވާކޮށްފައެވެ. އެއީ 42 ޕަސެންޓްގެ އިތުރުވުމެކެވެ. މިއީ އެނަލިސްޓުންގެ އުއްމީދު ކުރި މިންވަރަށްވުރެ ކުޑަ އަދަދެއް ނަމަވެސް އެއީ ކަރަންޓް ކާރު އުފައްދާ ކުންފުންޏަށް އަހަރެއްގެ ކުއާޓަރަކަށް ބަލާއިރު ރެކޯޑެކެވެ. ޓެސްލާއިން އުފެއްދި ކާރުގެ ތެރެއިން އެންމެ ގިނައީ މޮޑެލް ތިނަކާއި މޮޑެލް ވައި ވެހިކަލްތަކެވެ. އެގޮތުން އެ ދެ މޮޑެލްގެ 345،988 އުޅަނދު އުފައްދައި، 325،158 އުޅަނދު ޑެލިވާކޮށްފައިވެއެވެ. ޓެސްލާއިން ދެން އުފެއްދީ މޮޑެލް އެސް އާއި މޮޑެލް އެކްސް އެވެ. އެ ދެ މޮޑެލްގެ 19،935 އުޅަނދު އުފައްދާފައިވެއެވެ. އޭގެ ތެރެއިން 18،672 މޮޑެލް ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ޓެސްލާއިން ދާދިފަހުން ވަނީ އެމީހުންގެ ޑެލިވަރީ ޕްރޮސެސް އޮމާންކޮށް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ބަދަލުތަކެއްވެސް ގެނެސްފައެވެ. އާންމު ގޮތެއްގައި އެކުންފުނީގެ ކޮންމެ ކުއާޓަރެއް ނިމުމާ ދިމާކޮށް، ޑެލިވަރީ ވޮލިއުމް ކުޑަކޮށް ދަށްވެފައިވީ ނަމަވެސް އެ ދަށްވާ ދަށްވުން ފޫބެއްދުމަށްޓަކައި އެ މުއްދަތުގައި އުޅަނދުތައް އުފައްދާ މިންވަރު އިތުރުކުރެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެކަށީގެންވާ އަގެއްގައި ވެހިކަލް ޓްރާންސްޕޯޓް ކެޕޭސިޓީ ހޯދުމަށް ދަތިތަކެއް ކުރިމަތިވެއެވެ. https://twitter.com/elonmusk/status/1440729549239558148 މިހާރު ޓެސްލާގެ ހިއްސާއެއްގެ އަގު އުޅެނީ 247.88 ޑޮލަރުގައެވެ. މިދިޔަ ކުއާޓަރުގައި ޓެސްލާގެ ޑެލިވަރީތައް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ޗައިނާގައި މަސައްކަތް ކުރުން ހުއްޓާލުމާއި ސަޕްލައި ޗޭންގެ މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން ޖޫން 30އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ޓެސްލާއިން ޑެލިވަރީ ކޮށްދެވިފައިވަނީ 254،695 އުޅަނދެވެ. މިދިޔަ އޮގަސްޓް މަހު ޓެސްލާގެ ސީއީއޯ އީލޮން މާސްކް ވިދާޅުވީ އެ ކުންފުނިން މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވެހިކަލް އުފައްދާފައިވާ ކަމަށާއި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި އުފައްދާފައިވާނީ ސީދާ ޗައިނާގައި ހުންނަ ޝަންހާއީ ފެކްޓްރީން ކަމަށެވެ. ޓެސްލާއިން އުންމީދުކުރަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީހިސާބުތައް މި މަހުގެ 19ގެ ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ