ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓަށް މަރިޔަމް ވަހީދު

ހައިކޯޓްގެ އިސްފަނޑިޔާރު ކަމަށާއި ސިވިލް ކޯޓްގެ އިސް ގާޒީ ކަމަށް ބޭފުޅުން މިއަދު އައްޔަންކޮށްފިއެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދެވެ. އަދި، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރީ އަލްއުސްތާޛާ މަރްޔަމް ވަޙީދެވެ. މިދިޔަ މަހުގެ 25ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 68 ވަނަ ޖަލްސާގައި ވަނި މި ބޭފުޅުން މި މަގާމުތަކަށް އައްޔަންކުރުމަށް ނިންމައިފައެވެ. ފަނޑިޔާރު ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވުމުގެ އިތުރުން، ޝަހީދު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް މިއަދު ޢައްޔަންކުރި އަލްއުސްތާޛާ މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗެލަސް އޮފް ލޯސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ސިވިލް ކޯޓުގެ ގާޒީ ކަމަށް ޢައްޔަންކުރެވުމުގެ ކުރިން ގާޟީ މަރްޔަމް ވަނީ ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވައިފައެވެ. އަލްއުސްތާޛާ މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2013 ވަނަ އަހަރުގެ ޖެނުއަރީ އަށެއްގައެވެ. ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް މިދިޔަ މަހުގެ 19 ވަނަ ދުވަހު އަވަހާރަވުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ