ވަރިވާން ދިޔަ އިތުރު މީހަކަށް ގާޒީ އަލީ އާދަމް ގުޅައި މެސެޖުކުރި މައްސަލައެއް

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ގާޒީ އަލީ އާދަމްގެ ސުލޫކީ އިތުރު މައްސަލައެއްގައި ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މީހަކަށް ގުޅައި، މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން ހެކިތަކުންނާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އެ މެސެޖުތަކަށް ބަލާއިރު، އަލީ އާދަމް މަސައްކަތް ކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގުސަދެއް އޮވެގެންކަންވެސް ސަބިތުވާ ކަމަށް ބުންޏެވެ.
އެއާއެކު އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކި ކުރުމަށް މަޖިލީހަށް ލަފާ ދިނުމަށް އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އެފަދަ އެހެން ސުލޫކީ މައްސަލައެއްގައި މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެސް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައިވާނެ ކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ.
އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ މި ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ