ލ. ގަމުގެ އިހުތިސާސްގައި ބޮޑުފިނޮޅު ހިމަނުއްވައިފި
ލ. ގަމުގެ އިޚްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. އެ މަނިކުފާނު މިހެން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، މިއަދު ނެރުއްވި، ގަރާރުންނެވެ. ގަމުގެ އިޚްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓާއެކު މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. ބޮޑުފިނޮޅަކީ ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން މީގެ ކުރިން ދޫކޮށްފައި އޮތް ރަށެކެވެ. އެރަށް ދޫކޮށްފައިވަނީ މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏާއެވެ. ލ. ބޮޑުފިނޮޅު: ރައީސްގެ ގަރާރަކުން އެ ރަށްވަނީ ގަމުގެ އިޚުތިސާސްގައި ހިމަނާފައި -- މިމަޝްރޫއުގެ އެއްބަސްވުމުގެ މުއްދަތު ހަމަނުވިޔަސް, އެ ރަށުގެ މަސައްކަތް ކުރިއަށް ނުދާތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެ ރަށް އިންވެސްޓަރުގެ އަތުން ދައުލަތަށް ވަނީ ނަގައިފަ އެވެ. އޭގެ ފަހުން މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްވަނީ، ބޮޑުފިނޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ