ޤަޟާ ކުރަން ޖެހޭ ރޯދަތައް ނުހިފައި ޝައްވާލު މަހުގެ ސުންނަތް ހަ ރޯދަ ހިފޭނެތަ؟
ރަމަޟާން މަހުގެ ރޯދަ ނިމުމާ އެކު މުސްލިމުން ދެން އަވަސް ވެ ގަންނަނީ ޝައްވާލު މަހުގެ ހަރޯދަ ހިފުމަށެވެ. އެއީ ވަރަށް ގިނަ ސަވާބު ލިބޭ ގަދަ ވެގެން ވާ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި ވާ ގޮތުގައި، ރަމަޟާން މަހު ރޯދަ ހިފައި ދެން އެއަށް ފަހުގައި ޝައްވާލު މަހު ހަރޯދަ ހިފައިފި މީހާ އަށް މުޅި އަހަރު ގައި ރޯދަ ހިފުމުގެ އަޖުރު ލިބޭނެއެވެ (މުސްލިމު، 1164). ވުމާއެކު މިހައި މަތިވެރި ވެގެންވާ އަޅުކަމެއް ދޫކޮށްލައިގެން ނުވާނެއެވެ. ހަރޯދަ އާ ގުޅޭ ގޮތުން އާއްމު ކޮށް ކުރެވޭ އެއް ސުވާލަކީ ރަމަޟާން މަހު ގެއްލުނު ރޯދަތައް ޤަޟާ ނުކޮށް، ސުންނަތް ރޯދަ ހިފުން ހުއްދަ ވާނެ ހެއްޔެވެ؟ މި ކަމާ މެދު ޢިލްމުވެރިންގެ ތިން ރައުޔެއް އޮވެއެވެ. ފުރަތަމަ ރައުޔު: އެއީ ހުއްދަ ކަމެއް މި ރައުޔުގައި ވާ ގޮތުން، ރަމަޟާން މަހުގެ ޤަޟާ ކުރަން ޖެހޭ ރޯދަ ހުއްޓައި އެ ރޯދަތައް ހިފުމުގެ ކުރީން ސުންނަތް ރޯދަ ހިފި ދާނެއެވެ. އެއީ ހުއްދަ ކަމެކެވެ (އަލްކާސާނީ، 2003، އިބުނު މުފްލިޙު، 2003، އަލްހައިތަމީ، 1938، އިބުނު ޙަޒުމް، 1983). މި ބޭފުޅުންގެ އެއް ދަލީލަކީ، ރަމަޟާން މަހު ގެއްލުނު ރޯދަތައް ނުހިއްޕަވައި، ޝަޢުބާން މަހާ ހަމައަށް ލަސް ކުރައްވާ ކަމަށް ޢާއިޝަތުގެފާނު ވިދާޅުވެފައި ވާ ބަސްފުޅެވެ (ބުޚާރީ، 1950). ޝައްކެއްނެތް ގޮތުގައި އެ މުއްދަތުގެ ތެރޭގައި، ހަރޯދަ އާއި ޢަރަފާތް ދުވަހުގެ ރޯދަ ފަދަ ސުންނަތް ރޯދަތައް ނުހިއްޕަވައި އެ ކަމަނާއެއް ނުހުންނަވާނެއެވެ. އެހެންކަމުން، ޢާއިޝަތުގެފާނު އެ ވަނީ ޤަޟާ ކުރަން ޖެހިފައި ވާ ފަރުޟު ރޯދައިގެ މައްޗަށް ސުންނަން ރޯދަ އިސް ކުރައްވާފައެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހުގައި މަޝްޣޫލުވެވަޑައިގެންނެވުމުގެ ސަބަބުން ވާ ގޮތެއް ނަމަވެސް، އިތުރު އެކަލޭގެފާނު އެ ކަމާ އިޤުރާރުވެވަޑައިގެންނެވުމުން، އެއީ ހުއްދަ ކަމެއްކަން އިނގެއެވެ (މުސްލިމު، 1146). އަދި މީގެ އިތުރުން، ރަމަޟާން މަހުގައި ގެއްލޭ ރޯދަ ޤަޟާ ކުރުމަށް ވަގުތު ތަނަވަސް ވެގެންވާ ކަން ޤުރުއާނުން ސާބިތު ވެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. فَعِدَّةٌ مِّنْ أَيَّامٍ أُخَرَ (އަލްބަޤަރާ، 184). "... (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުށްޓެވެ." މިއިން ދަލީލު ލިބޭ ގޮތުގައި، ޤަޟާ ކުރަން ޖެހިފައި ވާ ރޯދަ، އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ހިފި ދާނެ އެވެ. ރަމަޟާން މަހު ގެއްލޭ ރޯދަ ޤަޟާ ކުރުމުގެ ވަގުތު ތަނަވަސް ވެގެންވާ ކަމަށް ޢިލްމުވެރިން އިޖުމާޢު ވެފައި ވެއެވެ (އިބުނު ބައްޠާލް، 2003، އިބުނު ރަޖަބު، 2019). ދެވަނަ ރައުޔު: އެއީ މަކުރޫހަ ކަމެއް މި ރައުޔުގައި ވާ ގޮތުން ރަމަޟާން މަހުގެ ޤަޟާ ކުރަން ޖެހޭ ރޯދަ ހުއްޓައި އެ ރޯދަތައް ހިފުމުގެ ކުރީން ސުންނަތް ރޯދަ ހިފުމަކީ މަކުރޫހަ ކަމެކެވެ (އައްދުސޫޤީ، 2011، އައްރަމްލީ، 2003). މަކުރޫހަގެ މާނަ އަކީ އެ ކަމަކުން ދުރުހެލި ވުން ލާޒިމު ނުވާ ގޮތަށް، އެ ކަމެއް ނުކުރަމަށް ޝާރިޢު އަންގަވާފައި ވުމެވެ (އަލްޚައްޠާބީ، 2016). އެ ގޮތަށް ރޯދަ ހިފުން މަކުރޫހަ ވާނެ ކަމަށް އެ ބޭފުޅުން ވިދާޅު ވަނީ ސުންނަތް އަޅުކަންތަކަށް ވުރެ ކުރީން ފަރުޟު އަޅުކަމަށް އިސްކަން ދިނުން އަޢުލާ ވެގެން ވާތީއެވެ. ރަމަޟާން މަހުގައި ގެއްލޭ ރޯދަ ޤަޟާ ކުރުމަކީ ފަރުޟެކެވެ. ނަމަވެސް ޝައްވާލު މަހުގެ ހަރޯދަ އަކީ ސުންނަތެކެވެ. މިއާ އެކު، ފަރުޟު ރޯދައިގެ މައްޗަށް ސުންނަތް ރޯދަ އިސް ކުރުން މަކުރޫހަ ކަމަށް ދައްކަވާ އަނެއް ޙުއްޖަތަކީ مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوَّالٍ މި ޙަދީޘްފުޅުގައި، "ރަމަޟާން މަހު ރޯދަ ހިފައި ދެން އެއަށް ފަހުގައި ޝައްވާލު މަހު ހަރޯދަ ހިފައިފި މީހާ .." އެވެ އޮތުމުން، ރަމަޟާން މަހުގެ ޤަޟާ ކުރަން ޖެހޭ ރޯދަތައް ނުހިފައި ޝައްވާލު މަހުގެ ހަރޯދަ ހިފައިފި ނަމަ، އެއީ ރަމަޟާން މަހުގެ ރޯދަ އަށް ފަހު ހަރޯދަ ހިފި ކަމަކަށް ނުވާނެއެވެ. އެއީ އޭނާ ރަމަޟާން މަހުގެ ރޯދައިން ބައެއް ފުރިހަމަ ނުކޮށް އޮތީމައެވެ. ފަހުގެ ޢިލްމުވެރީންގެ ތެރެއިން އިބުނު ބާޒް އިޚުތިޔާރު ކުރައްވަނީ މި ރައުޔެވެ (އިބުނު ބާޒް، 2010). ތިންވަނަ ރައުޔު: އެއީ ހަރާން ކަމެއް މި ރައުޔުގައި ވާ ގޮތުން، ރަމަޟާން މަހުގެ ޤަޟާ ކުރަން ޖެހޭ ރޯދަތައް ނުހިފައި، އޭގެ ކުރިން ސުންނަތް ރޯދަ ހިފުމަކީ ހަރާން ކަމެކެވެ (އަލްމަރްދާވީ، 2004، އަލްބަހޫތީ، 1983). މި ބޭފުޅުންގެ އެއް ދަލީލަކީ ސުންނަތް އަޅުކަންތަކަށް ވުރެ ފަރުޟު އަޅުކަންތަކަށް އިސްކަން ދިނުން ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ކަމަށް އޮންނަ ޙަދީޘްފުޅެވެ (ބުޚާރީ، 6502). މި ބަސްފުޅުން ދަލީލު ލިބޭ ގޮތުގައި ފަރުޟެއްގެ މައްޗަށް ސުންނަތަކަށް އިސްކަމެއް ނުދެވޭނެއެވެ. ބަޔާންވެ ދިޔަ ތިން ރައުޔުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ބުރަ ވެވެނީ ފުރަތަމަ ރައުޔަށެވެ. އެހެންކަމުން، ރަމަޟާން މަހުގެ ޤަޟާ ކުރަން ޖެހޭ ރޯދަ ހުއްޓައި އެ ރޯދަތައް ހިފުމުގެ ކުރީން ސުންނަތް ރޯދަ ހިފި ދާނެއެވެ. ހަރޯދަ އާ ބެހޭ ގޮތުން ކުރެވޭ އަނެއް ސުވާލަކީ، ރަމަޟާން މަހު ގެއްލުނު ރޯދަ ޤަޟާ ކުރުމަށާއި އަދި ހަރޯދަ ހިފުމަށް، ނުވަތަ ދެ ރޯދަ އެއްކޮށް ހިފުމަށް ނިޔަތް ގަނެގެން ރޯދަ ހިފައިފި ނަމަ އެ ދެ ރޯދަ ވެސް ހިފުމުގެ އަޖުރު ލިބޭނެ ހެއްޔެވެ؟ މި ކަމާ މެދު ޢިލްމުވެރީންގެ ހަތަރު ރައުޔެއް އޮވެއެވެ. އެއީ އެ ގޮތަށް ހެދުމުން ދެ ރޯދަ ހިފުމުގެ އަޖުރު ލިބޭނެ ކަމަށް ބުނާ ރައުޔާއި (އަލްޚުރަޝީ، 1997، އައްރަމްލީ، 2017، އައްރަމްލީ، 2003)، އެހެން ހަދައިފި ނަމަ އަޖުރު ލިބޭނީ އެ އިން ކޮންމެވެސް އެއް ރޯދަ އަށް ކަމަށް ބުނާ ރައުޔާއި (އަލްކާސާނީ، 2003)، އެ ގޮތަށް ރޯދަ ހިފައިފި ނަމަ ރޯދަ އަށް ލިބޭ އަޖުރު މަދުވާނެ ކަމަށް ބުނާ ރައުޔާއި (އައްރަމްލީ، 2003) އަދި އެ ގޮތް ޞައްޙަ ނުވާނެ ކަމަށާއި އެ ގޮތަށް ރޯދަ ހިފިޔަސް ސަވާބެއް ވެސް ނުލިބޭނެ ކަމަށް ބުނާ ރައުޔެވެ (އިބުނު ޙަޒުމް، 2016). ދަލީލުތަކާއި ޢިލްމުވެރީންގެ ބަސްފުޅުތަކަށް ބަލާއިރު އެންމެ ރަނގަޅު ކަމަށް ބުރަ ވެވެނީ މީގެ ތެރެއިން އެންމެ ފަހުން ބަޔާން ކުރި ރައުޔަށެވެ (މުޙައްމަދު އަންވަރު، 2022). ޚުލާސާ ރަމަޟާން މަހުގެ ރޯދަ އަށް ފަހު ޝައްވާލު މަހު ހަރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެ މަހުގެ ކޮންމެ ހިސާބެއްގައި ވެސް މި ހަ ރޯދަ ހިފި ދާނެއެވެ. ނަމަވެސް ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހަރޯދަ ހިފުން މޮޅު އިތުރު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅު ވެއެވެ (އައްނަވަވީ، 2021، އަލްމަރްދާވީ، 2004، އަލްބަހޫތީ، 2000). ރަމަޟާން މަހު ގެއްލިފައި ވާ ރޯދަތައް ޤަޟާ ކުރުމުގެ ކުރިން ވެސް ހަރޯދަ ހިފޭނެއެވެ. ޤަޟާ ކުރަން ޖެހޭ ރޯދަ އާއި، ހަރޯދާއާ އެއްކޮށް ހިފުމަށް ނިޔަތް ގަނެގެން ރޯދަ ހިފިޔަސް ދެ ރޯދަ ހިފުމުގެ އަޖުރު ނުލިބޭނެ ކަމަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ