500 އަހަރަށްވުރެ ގިނަދުވަސްވީ ވެލިދޫ ބޮޑު ނިކަގަހުގެ އެއްބައި ގަދަވަޔާއެކު ވެއްޓިއްޖެ 500 އަހަރަށްވުރެ ގިނަދުވަސްވީ ވެލިދޫ ބޮޑު ނިކަގަހުގެ އެއްބައި ގަދަވަޔާއެކު ވެއްޓިއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ނ. ވެލިދޫގައި ހުންނަ 520 އަހަރުވީ ބޮޑު ނިކަގަހުގެ ބޮޑުބައެއް މިއަދު ވެއްޓިއްޖެ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް، އާތިފް ހުސެއިން އަދަދުއަށް ވިދާޅުވީ އެ ގަހުގެ ބޮޑު ދެ އޮފިގަނޑު ވެއްޓުނީ މިއަދު ހަވީރު އައި ވައިގަނޑެއްގައި ކަމަށެވެ. ގަހުގެ ދެ އޮފިގަނޑު ވެއްޓުމުގެ ސަބަބުން އެރަށު ވޮލީ ކޯޓު ވެސް އެއްކޮށްހެން ހަލާކުވެފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
"ވަރަށް ބާރު ވައިގަނޑެއްގައި ވެއްޓުނީ ހަވީރު 3:40 ހާއިރު، ގަހުގެ ބޮޑުބައެއް ވެއްޓުނީ، ވޮލީ ކޯޓު ވެސް ހަމަ އެއްކޮށްހެން ހަލާކުވެފައި އޮތީ،" އާތިފް ވިދާޅުވި އެވެ.
ވެލިދޫ ބޮޑު ނިކަގަހަކީ ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ދުވަސްވެފައިވާ ގަހެއް ކަމަށް ބުނެވެ އެވެ. އެ ގަސް ނުހުންނަ ޒަމާނެއް ހަނދާން ހުރި މީހަކު އެ ރަށުގައި ވެސް ނޫޅެ އެވެ. އެ ރަށުގެ އުމުރުން ދުވަސްވީ މީހުން ބުނާގޮތުން އެ ގަސް ނުހުންނަ ޒަމާނެއް އެމީހުންނަށް ވެސް ނޭނގެ އެވެ.
ވެލިދޫ ބޮޑު ނިކަގަހަކީ ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ދަފުތަރުގައި ވެސް ހިމަނާފައިވާ ގަހެކެވެ. އެ ދަފުތަރުގައި ބަޔާން ކޮށްފައިވާ ގޮތުން އެ ގަހަށް 520 އަހަރުވެއްޖެ އެވެ.
ވެލިދޫ ބޮޑު ނިކަގަހަކީ އެރަށު މީހުންގެ އާންމު ދިރިއުޅުމާ ވެސް ވަރަށް ގުޅިފައިވާ ގަހެކެވެ. އެ ރަށުގައި އޮންނަ ހާއްސަ މުބާރާތްތަކާއި ކުޅިވަރުތައް ވެސް ކުޅެމުން އައީ އެ ގަސް ދޮށުގަ އެވެ. އޭގެފަހުން އެތަނުގައި ވޮލީ ކޯޓު ގާއިމުކޮށް، އަތޮޅު ފެންވަރުގެ ވޮލީ މުބާރާތްތައް ވެސް ބާއްވަމުން އައީ އެ ގަސް ދޮށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ