ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫގައި ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މީދޫގެ މަގުމަތީ ބުރާސްފަތި ދުވަހުގެ ރޭ އަޑުގަދަ ކުރަމުންދިޔަ ކުދިބަޔަކަށް އެކަން އެގޮތަށް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އަޑުގަދަ ކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ.ޒާތީ މައުލޫމާތު ނުދޭނެ ކަމަށް ބުނެ ސުލްހަ ވާން އެ ކުދިން ދެކޮޅު ހެދުމުން އެ ރަށު ފުލުސް ސްޓޭޝަނަށް ހާޒިރުވުމަށް އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރު އެންގި ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް އެ ކުދިންނަށް އެންގުމުން އަޑުގަދަ ކުރި ކުދިންގެ ތެރެއިން ކުއްޖަކު އެ ފުލުސް އޮފިސަރަށް ހަމަލާދިން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.އަދި ހަމަނުޖެހުން ހިންގި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކުރި ކަމަށް އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ފުލުހުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.އޭގެ އިތުރުން އެ ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާކަން ފުލުހުން ހާމަކޮށްފައިވެއެވެ.އެ ހާދިސާ ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯއިން ފެންނަނީ ކުލަ ހެދުމުގައި ހުރި ފުލުހަކު، ކުޑަކުއްޖަކު ހިފަހައްޓައިގެން ގެންދާ މަންޒަރު ކަމަށް ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވެ އެވެ.އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ، ކުޑަކުއްޖާ މަގުމަތިން ގެންދަނިކޮށް، އެ ކުއްޖާ ގަދަހަދައި، ފުލުސް މީހާ ބިންމައްޗަށް ވައްޓާލާ މަންޒަަރެވެ. އެހާ ހިސާބުން ފުލުސް މީހާ ތެދުވެ، އެ ކުއްޖާ ބިންމައްޗަށް ވައްޓާލައިގެން ހިފަހައްޓަ އެވެ.އެ ހާދިސާ ހިނގި ވަގުތު މަންޒަރު ބަލަން ބަޔަކު ތިބިތަން ވެސް ވީޑިއޯއިން ފެނެއެވެ. އަދި ވީޑިއޯ ނިމޭއިރު، އެ ސަރަހައްދަށް އިތުރު ދެ މީހަކު ގޮސް މަޑުކުރާ މަންޒަރު ވެސް ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ