މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒްޔާން ފަރުހަތު، ސްކޮލަޝިޕެއްގައި ކިޔަވަން ދާން ޖެހުމުން މިލާން ކްރިކެޓް އެކެޑަމީގެ ކެޕްޓަންކަމުން ވަކިވެއްޖެ އެވެ.
މިލާން ކްރިކެޓް އެކެޑަމީގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ސްކޮލަޝިޕެއް ހަމަޖެހުމުން، މެލޭޝިއާގައި ކިޔަވަން ހުންނަން ޖެހޭތީއާ އެކު، އަޒްޔާން، 24، ވަނީ މިލާންގެ ކެޕްޓަންކަން ދޫކޮށްލައިފައި ކަމަށެވެ.
ކެޕްޓަނެއްގެ ގޮތުގައި އަޒްޔާން ވަނީ ފަސް ޑޮމެސްޓިކް މުބާރާތް މިލާނަށް ކާމިޔާބުކޮށްދީފަ އެވެ. ކްރިކެޓް ބޯޑުން ހޮވި، އެންމެ މޮޅު ކްލަބްގެ މަގާމު ވެސް ފާއިތުވި އަހަރުތަކުގައި ދެ ފަހަރު މިލާނަށް ލިބިފައިވެ އެވެ.
މިލާން ކްރިކެޓް އެެކަޑަމީން ބުނީ، ފުރުސަތު ލިބޭ މިންވަރަކުން އަޒްޔާން، އެ ކްލަބުން ވެސް ފެންނާނެ ކަމަށާއި އެކަމަކު، ކިޔެވުމުގެ މުއްދަތުގެ ތެރޭގައި އޭނާގެ ކުޅުމުގެ ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި، މެލޭޝިއާގެ ޑޮމެސްޓިކް ކްރިކެޓް މުބާރާތްތަކުގައި ވެސް ކުޅޭނެ ކަމަށެވެ.
އަޒްޔާން ވަނީ 2019 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 19 އަހަރުގައި ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެކި އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި ހިތްވަރު ދެއްކި، އަޒްޔާން ވަނީ، 2022 ވަނަ އަހަރު އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ވެސް ކުޅެފަ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނު އަޒްޔާން ވަނީ، ގައުމީ ކްރިކެޓް ޓީމުން މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި މުބާރާތުގެ ދެ ވަނަ ހޯދިއިރު، އެ މުބާރާތުގެ ވެސް އެންމެ މޮޅު ބެޓްސްމަންގެ މަގާމު ހޯދައިފަ އެވެ. އަދި، މިދިޔަ އަހަރު ބޭއްވި ގައުމީ ކްރިކެޓް މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމު ވެސް ހޯދީ މިލާނަށް މޮޅު ކުޅުމެއް ދެއްކި އަޒްޔާން އެެވެ.
އަޒްޔާން، ސްކޮލަޝިޕެއްގައި ދާން ޖެހުމުން މިލާން ކެޕްޓަން ކަމުން ވަކިވެއްޖެ އަޒްޔާން، ސްކޮލަޝިޕެއްގައި ދާން ޖެހުމުން މިލާން ކެޕްޓަން ކަމުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ