އެތުލެޓިކްސް އެސޯސިއޭޝަންގެ ޕްލޭނަކީ، ކްލަބް/އެކަޑަމީތަކާ ގުޅިގެން ރާއްޖޭގެ އެތުލެޓިކްސްގެ ކުރިމަގު ރަނގަޅުކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް، މުސްތަފާ މުހައްމަދު (މުސްތޮ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާ ބަންދުގެ ތިން ދުވަހު، 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު، ދިން މީޑިއާ އިންޓަވިއުއެއްގައި މުސްތަފާ ވިިދާޅުވީ، އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކަންކަން ޖުމްލަކޮށް ރަނގަޅަށް ދިޔަ ކަމުގައި ވިޔަސް، މި ފަހަރު ވާދަކުރި އެތުލީޓުންގެ އަދަދު މަދުވީ ސަބަބަކާ ހެދި ކަމަށެވެ.
"ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ މި މުބާރާތުގައި، ކުރިން އަހަރުތަކުގައި 400 ނޫނީ 500 އެތުލީޓުންނާ އެކު މި މުބާރާތް ކުރިއަށް މި ދިޔައީ، އެކަމަކު މި އަހަރު އެޑިއުކޭޝަން (މިނިސްޓްރީ) އިން ގެނައި ބަދަލަކާ ގުޅިގެން، އަސްލު ސްކޫލުތަކުގެ ނަމުގައި އެތުލީޓުންނަކަށް ބައިވެރިއެއް ނުވެވޭ، އެހެންވެ، ނަމްބަރު އޮފް އެތުލީޓްސް އަށް ބަލަންޏާ މި އަހަރު ވަރަށް ބޮޑު ޑްރޮޕެއް މި އުޅެނީ،" މިދިޔަ މެއި މަހު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވި މުސްތަފާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 250 އަކަށް އެތުލީޓުން މި ފަހަރު މި ބައިވެރިވީ، އެކަމަކު، ޕާފޯމަންސް ވައިސްކޮށް ބަލާކަމަށްވަންޏާ ވަރަށް ރަނގަޅު މުބާރާތެއްގެ ގޮތުގައި މި ފާހަގަކުރެވެނީ،"
މުސްތަފާ ވިދާޅުވީ، އެތުލެޓިކްސް އެސޯސިއޭޝަންގެ ވިސްނުމަކީ، ގައުމީ ލެވަލްގެ އެތުލީޓުން ވެސް ކްލަބްތައް މެދުވެރިކޮށް ރަނގަޅަށް ޓްރެއިނިންތައް ކުރިއަށްގެންދިއުން ކަމަށެވެ. އެކިއެކި ސްކޮލަޝިޕްތަކުގައި ރާއްޖޭން ބޭރުގައި ތަމްރީންތައް ހަދަމުން އަންނަ އެތުލީޓުން ފިޔަވައި، ދެން ތިބި، ހުރިހާ އެތުލީޓުންނަކީ ވެސް މުސްތަފާ ފާހަގަކުރެއްވި ގޮތުގައި، ކްލަބް/އެކަޑަމީ ނޫނީ ރަށްރަށުގައި ހިންގޭ ޑިވެލޮޕްމަންޓް ޕްރޮގްރާމް ތެރެއިން އަންނަ އެތުލީޓުންނެވެ.
"އެސޯސިއޭޝަންގެ ވިސްނުމަކީ، ވީހާ ވެސް ބޮޑަކަށް ކްލަބްތަކަށް އެމްޕަވާ (ބާރުވެރި) ކޮށްގެން، އޭގެތެރެއިން ކުދިން ނެރުމަށް މި ބަލަނީ،" މުސްތަފާ ވިދާޅުވި އެވެ.
މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 17 ކްލަބަކުން 250 އެތުލީޓުން ވާދަކުރިއިރު، 56 އިވެންޓެއް ކުރިއަށްދިޔަ އެވެ. އަދި، އެ އިވެންޓްތަކުގައި، 26 މީޓް ރެކޯޑް ހެދުނުއިރު، އެއް ގައުމީ ރެކޯޑް ވެސް މުގުރާލި އެވެ. މުގުރާލި ގައުމީ ރެކޯޑަކީ، 16 އަހަރު ވަންދެން ދެމި އޮތް އަހުމަދު ޒަބީރު (ޒަބީ)ގެ ހައި ޖަމްޕް ރެކޯޑެވެ. ޔޫސުފް ނާއިކް ވަޖީހު ވަނީ 1.88 މީޓަރު މަތިން ފުންމައި، 2009 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 1.85 މީޓަރު މަތިން ފުއްމައިގެން ޒަބީ ހެދި ރެކޯޑް މުގުރާލައިފަ އެވެ.
މުސްތަފާ ވިދާޅުވީ، އެއް މުބާރާތުން އަނެއް މުބާރާތަށް ކުރިއެރުންތައް ފެންނަ ކަމަށާއި، އެ ކަންކަމަށް ބަލާނަމަ، ޖުމްލަކޮށް، ކުޅިވަރެއްގެ ގޮތުގައި އެތުލެޓިކްސް ވެސް ކުރިއަރަމުން އަންނަ ކަމަށެވެ.
"ގަބޫލުކުރަނީ މި ކުޅިވަރު ކުރިއަށް އެބަދެއޭ. ބޭރުގެ މުބާރާތްތަކަށް ދާއިރުގައި ކުރިއާ ތަފާތުކޮށް އަޅުގަނޑުމެން ވިސްނުން މި ހުންނަނީ ވާދަކުރެވޭ، މެޑަލް ހޯދޭ، އެ ކަހަލަ އިވެންޓްތަކަށް ފޯކަސްކޮށްގެން ހަމަ، ޓާގެޓްތަކެއް އެޗީވްކުރަން މެޑަލްތަކެއް ހޯދަން ދާ މުބާރާތްތަކެއް ގޮތަށް ބޭރަށް ވެސް މި ފޮނުވަނީ،" މުސްތަފާ ވިދާޅުވި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭން ބޭރަށް އެތުލީޓުން ޓްރެއިނިން ހެދުމަށް ފޮނުވާއިރު ވެސް ފޯކަސް ކުރަނީ، ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓެއްގެ ގޮތުގަ އެވެ. އެ ގޮތުން، މުސްތަފާ ވިދާޅުވީ، އެހެން ފޮނުވާ އެތުލީޓުންނަކީ، ތިނެއް ނޫނީ ހަތަރު އަހަރުތެރޭ އޮންނަ މުބާރާތްތަކުން ކާމިޔާބު ހޯދަން ތަމްރީނުގެ ފުރުސަތު ހޯދައިދޭ އެތުލީޓުން ކަމަށެވެ.
ޕްލޭނަކީ ކްލަބްތަކާ ގުޅިގެން މުސްތަގުބަލަށް މަސައްކަތް ކުރުން ޕްލޭނަކީ ކްލަބްތަކާ ގުޅިގެން މުސްތަގުބަލަށް މަސައްކަތް ކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ