އަންނަ ހަފްތާގައި ގާސިމް މާލެ ވަޑައިގަންނަވަނީ!

ގާތްގަނޑަކަށް ދޮޅު އަހަރެއްހާ މުއްދަތެއް ވަންދެން މާލެއިން ބޭރުގައި ހުންނެވުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ހަފްތާގައި މާލެ ވަޑައިގަންނަވާނެކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
”ސަންގު“ އަށް އެނގިފައިވާ ގޮތުން ގާސިމް ވަނީ އެކަން ޕާޓީގެ ކައުންސިލަށް ވެސް އަންގަވާފަ އެވެ. އަދި ކޮވިޑު-19 ގެ ސަބަބުން ހުއްޓިފައި އޮތް ކައުންސިލް ބައްދަލުވުންތައް ވެސް ފެށި، ޕާޓީގެ އެތެރޭގެ ހަރަކާތައް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.
ގާސިމް މާލެ ވަޑައިގަންނަވާ ތާރީހެއް ހޯދުމަށް ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހުއަށް ގުޅާލުމުން އޭނާ ވަނީ ގާސިމް މާލެ ވަޑައިގަންނަވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. ގާސިމް މިވީ ދޮޅު އަހަރެއްހާ ދުވަސް ވަންދެން ހުންނެވީ މާމިގިލި އަދި ސަން އައިލެންޑްގަ އެވެ.
ގިނަ ދުވަަސްތަކަކަށް ފަހު ގާސިމް މާލެ ވަޑައިގަންނަވާއިރު، ކޮވިޑުގެ ހާލަތު ދިމާވިފަހުން ގާސިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ބައިވެރިވެފައި ނުވެ އެވެ. ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދުން ފަދަ މައްސަލަތައް ދިމާވީއިރު ވެސް އެކަމާއި މީޑިއާތަކަށް ގާސިމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މި ވަގުތު ޖޭޕީގެ ރައީސެއްގެ ގޮތުގައި ހުންނެވި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މައްސަލައިގައި ކައުންސިލް ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަމަށް ބެލެވެ އެވެ. ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލިފައިވާ އަލީ ވަހީދުގެ މައްޗަށް، މި މަހުގެ 11 ގައި ސުޕްރީމް ކޯޓުން ވަނީ ދެ މަހާއި، 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދާތީ އެކަން އިއުތިރާޒުކޮށް ދައުލަތުން އެ ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވުމުން ވެސް ހާޒިރުވެފައި ނުވާތީ އެވެ.
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަލީ ވަހީދަށް ހުކުމެއް އިއްވިއިރު، އަލީ ވަހީދުގެ މައްސަލައިގައި އަމަލު ކުރަން ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ޖޭޕީއާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
މި ވަގުތަކީ މިއީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް އުފެދި، ކޯލިޝަން ޕާޓީތަކަށް ފާޑުކިއުން ވެސް އަމާޒުވާ ވަގުތެކެވެ. އަދި އަންނަ ހަފްތާގެ 16 ގައި މަޖިލީހުގެ ޖަލްސާތައް ފަށާއިރު، ގާސިމް ވެސް ޖަލްސާތަކުގައި ބައިވެރިވާނެކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ