ކޯޓު އަމުރާ އެއްގޮތަށް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަނުން އަންގައިފި

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ. އެ ކޮމިޝަނުން ޕާޓީތަކަށް އަންގާފައިވަނީ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް އަންގާފައެވެ. މީގެ އިތުރުން، ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. މި އަމުރާ ހިލާފުވާ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ބަޔާންކޮށްފައެވެ.
މި އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރެވެ. މިއީ "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން އެދުމާ ގުޅިގެން ނެރުނު އަމުރެކެވެ. ކޯޓުގެ އަމުރުގައި ބުނެފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއް ކަމަށާއި، އެކަން ނަހީ ކުރައްވާފައިވަނީ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށް ކަމަށެވެ.
ކޯޓުން އިތުރަށް ފާހަގަކުރި ގޮތުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކުރުމުގެ ކުރިން އެ މީހަކީ ކުށްވެރިއެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތެވެ. އަދި ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ މީހާ އާއި ކުށުގެ ޝިކާރައަށްވި މީހާގެ ހައްގުތައް ހަމަހަމަކޮށް ބެލެންސްވާން ޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ